ފިޔޯރީ

ފިޔޯރީގައި ސިޓީ ހޮޓާ އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ގދ. ފިޔޯރީގައި 100 އެނދުގެ ސިޓީ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފިޔޯރީގައި 50000 އަކަފޫޓުގެ ބިމެއް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމައި އެތަން 50 އަހަރަށް ކުއްޔަށް ދިނުމުގެ ހުއްދަ ސަރުކާރުން ދޫކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފިޔޯރީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ބޭނުންވާ ބިން، ބީލަމުގެ އުސޫލުން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 28 އާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައވަނީ ބޭރުގެ ކުންފުނިތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ. ބީލަން ހުށަހެޅުމާބެހޭ ލިޔުންތައް ހިމެނޭ ފޮތް މިމަހުގެ 14 ވަނަ ދުވަހާ ހަމަޔަށް އެރަށު ކައުންސިލް އިދާރާއިން ވިއްކާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ބީލަން ފޮތެއްގެ އަގަކީ 400ރ. އެވެ.

ފިޔޯރީ ކައުންސިލުން ބުނީ، ބީލަން ހުށަހަޅާ ފަރާތް ނޫން އެހެން ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ނަމަ ޕްރޮޕޯސަލް ހުށަހަޅާއިރު ފޮތް ބަލައިގަތް ފަރާތާ ބެހޭ މައުލޫމާތު ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ވިއްކުމުގެ ސުންގަޑިއާ ހަމައަށް ގަނެފައިވާ ފޮތެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، ފޮތް ގަތުމަށްފަހު ފައިސާ ވެސް އަނބުރާ ދޫ ނުކުރާނެ ކަމަށެވެ.

ފިޔޯރީގައި ސިޓީ ހޮޓަލެއް އަޅާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާއިރު، މިހާރުވެސް ބޭރުގެ ހަތަރު ކުންފުންޏަކުން ހޮޓާ އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފިޔޯރީ ކައުންސިލުން ބުންޏެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ސިޓީ ހޮޓާ ތަރައްގީކޮށް ނިމޭއިރު އެތަނުން 300 އެއްހައި ވަޒީފާ އުފެދޭނެ އެވެ. އެ ފުރުސަތުތަކަކީ އެ ރަށުގެ އާންމުންނާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް ހުޅުވާލެވޭނެ ފުރުސަތުތަކަކަށް ވާނެ ކަމަށެވެ. އިގްތިސާދީ ގޮތުން އަންނާނެ ކުރިއެރުންތަކަށް ބަލާއިރު، މިހާރު އެރަށަށް ދާ ސަފާރީތަކާއި ފަތުރުވެރިންގެ ނިސްބަތް 70 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އުފާކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިފަދަ ކަމަކަށް އިސްނެންގެވީތީ. މިރަށަކީ ވަރަށް ރީތި ރަށެއް. ފާހަގަކޮށްލެވޭ ސިފަތަކެއް މިރަށަށް ލިބިފަ އެބަހުރި. ރާއްޖޭގެ އެންމެ ފައިން އެއް ސާފިން ޕޮއިންޓް އޮތީ މިރަށުގަ. ތަފާތު ކުޅިއެއް އެބައޮތް. ރާއްޖޭގައި ނުހެދޭ "ހާ" މިރަށުން ފެންނާނެ. މި ހުރިހާ ކަމަކަށް ބަލާއިރު، މިވަރުގެ ބޮޑު ހޮޓަލެއް ރަށުގައި ތަރައްގީކުރެވުނީމަ ރަށުން މީހުން މާލެ ބަދަލުވާ ނިސްބަތް ދަށް ވާނެ. ރަށް ތަރައްގީވެ އާލާ ވާނެ،" މުހައްމަދު ވިދާޅުވި އެވެ.

ފިޔޯރީ އަކީ 1400 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ބިން ބޮޑު ރަށެކެވެ. އެރަށަކީ މިހާރުވެސް އެ ސަރަހައްދުގެ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. އަދި އެ ރަށް ކައިރީގައި ޑައިވިން ޕޮއިންޓެއް އޮތުމާއެކު ގިނައިން ސަފާރީ ވެސް ދަތުރުކުރާ ރަށެކެވެ.