ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެ ގައުމުގެ މިވަގުތު ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޕާކިސްތާނަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ޕާކިސްތާންގެ އިސްލާމްއާބާދުގައި ހުންނަ ހައި ކޮމިޝަންގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ޞަފާތު އަހްމަދު ޒާހިރު ވިދާޅުވޯ މިހާތަނަށް 67 ދިވެއްސަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ޕާކިސްތާންގައި ދިވެހިން އެންމެ ގިނައިން ދިރިއުޅެނީ ލާހޫރާއި ކަރާޗީގަ އެވެ.
ސަފާތު ވިދާޅުވީ ހައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ވަނީ 1،000 އިން މައްޗަށް އަރާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާންގެ ބޮޑުބައި މިހާރު އޮތީ ފެނުގެ އަޑީގަ އެވެ. ގިނަ އަވަށްތަކުގައި ކަކޫތާފެނަށް ދިޔަބޮޑުވެ ދަތުރުފަތުރުކުރުން މުޅިހެން ވަނީ ހުއްޓިފަ އެވެ.
މީހުން ސަލާމަތްކުރުމުގައި އުޅޭ އޮފިޝަލުން ބުނާ ގޮތުން ހާލަތު އެންމެ ގޯސް އަވަށްތަކުގެ ތެރޭގައި ޚައިބަރު ޕަޚުތުންޚްވާ ހިމެނެ އެވެ. އަދި ސިންދު ޕްރޮވިންސާއި ބަލޫޗިސްތާންގައި ގިނަ ބަޔަކު ފަސްގަނޑު ދަށުވެ އަދި ވީނުވީ ގޮތް ނޭނގި އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.
މޫސުމީ ބަދަލުތަކާ އެކަނިމާއެކަނި ކުރިމަތިލެވޭ ފެންވަރު ގައުމުގައި ނެތް ކަމަށް ޕާކިސްތާން ސަރުކާރުން ބުނެ އެވެ. އަދި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފައިވެ އެވެ.
ޕާކިސްތާނަށް މިހާރު ކުރާ ވިއްސާރާގައި ލިބެމުންދާ ގެއްލުން 2010 ގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަށް ވުރެ ބޮޑުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ. އެ ހާދިސާގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.