މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރުކުރި މީހުން އަތުން ގޮވާތަކެތި ފެނިފައެއް ނުވޭ: ޕޮލިސް

މައްސަލައަކާ ގުޅިގެން އެއާޕޯޓުން ހައްޔަރުުކުރި ދެ މީހުންގެ އަތުން ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނާ ވާހަކަ ދިވެހި ފުލުހުންގެ ހިދުމަތުން ދޮގު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާ ތަކެތި ފެނިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ. ކަމާބެހޭ އިދާރާތަކުގެ ރަސްމީ ބަހެއް ހިމެނުމަކާ ނުލައި މިފަދަ ދޮގު މައުލޫމާތެއް ފެތުރުމަކީ އެއްވެސް ޒިންމާދާރު ކަމެއްނެތި ނޫސްވެރިކަމުގެ މިންގަނޑާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުންޏެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އިންޑިއާ ދެ މީހެކެވެ. އެ ދެ މީހުންގެ މައްޗަށް އޮތީ ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓްގައި އުޅުމުގެ ތުހުމަތެވެ.

އެ ދެ މީހުންގެ މިހާރު ތިބީ 10 ދުވަހުގެ ބަންދެއްގައެވެ.