މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަށް ހާޒިރުވާން ރާފިއުއަށް އަންގައިފި

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމްގިރީއާއެކު ގުޅުން ހިންގި މައްސަލާގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

ރާފިއު ހާޒިރުވާން އަންގާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރަށެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއުގެ ވީޑިއޯ އާންމުވުމުން ސަރުކާރުން ވަނީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

މި މައްސަލާގައި ބައެއް މީހުން ހައްޔަރުކޮށް އިތުރު ވީޑިއޯތަކުގެ ތަހުގީގު ފުލުހުން ދަނީ ހިންގަމުންނެވެ.