ފިޔޯރީ

ބީއެމްއެލްގެ އެހީގައި ފިޔޯރީގައި ލައިބްރަރީއެއް ހަދައިފި

Aug 30, 2022

ގައުމީ ބޭންކް -- ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި އާންމު ލައިބްރަރީއެއް ހަދައިފި އެވެ.

މިމަސައްކަތް ކުރިއަށް ގެންދިޔައީ ފިއޯރީގެ ޖަމިއްޔާއެއް ކަމުގައިވާ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް)ގެ ފަރާތުންނެވެ.

ލައިބްރަރީ ހަދާފައިވަނީ ފިއޯރީގައި ކުޑަކުދިންގެ ޕާކުގެ ގޮތުގައި ތަރައްގީކުރާ ތަނުގަ އެވެ.

ބީއެމްއެލް އިން ބުނީ ލައިބްރަރީގެ މަގުސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ އެރަށުގައި އާއިލާތަކާއެކު އެއްވެ ގުޅުންބަދަހި ކުރުމަށް ވަކި ހާއްސަ މާހައުލެއް މިވަގުތު ނެތް ކަމަށާއި އުއްމީދަކީ ރަށުގެ ރައްޔިތުން ލައިބްރަރީ ގާއިމުކުރި ސަރަހައްދު ބޭނުންކުރުން ކަމަށެވެ.

"މިހާރު ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަކީ މި މުޖުތަމައަށް މުހިންމު ތަނަކަށް ވެގެން ދިއުން." އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީވަނީ ރަށްރަށުގައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށެވެ.