ދުނިޔެ

ޗައިނާ ޑްރޯންތައް ޓައިވާންއާ މާބޮޑަށް ގާތްވާން ފެށުމުން ބަޑިޖަހައިފި

ޓައިވާނަށް ސައްހަކަން އޮންނަ ރަށަކާ މާބޮޑަށް ކައިރިވާން އުޅުނު ދެތިން ޑްރޯނަށް ޓައިވާން ސިފައިން ބަޑިޖަހައިފި އެވެ. މިއީ އެކަމަކު އިންޒާރީ ބަޑިއެކެވެ. ބޭނުމަކީ ޑްރޯންތައް އެ ސަރަހައްދުން ފައްސާލުމެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު އަބަދުހެން އުދާސްވެފައި އޮންނަ ގުޅުމުން ދުންއަރަން ފެށީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުންނެވެ.

ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެން ހުޅަނގުން ޓައިވާންއާ މުއާމަލާތް ކުރުމަކީ ޗައިނާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫނެވެ.

ޗައިނާ ދެކޭ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ ޗައިނާގެ އަވަށެވެ. ވަކި ސަރުކާރަކުން ޓައިވާން ކޮންޓްރޯލްކުރުން ޗައިނާއަށް މައްސަލައަކަށް ނުވި ނަމަވެސް، އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ވަޑައިގެން އެ ގައުމުގެ އަސްކަރިއްޔާ ބާރުގަދަ ކުރުމަކީ ޗައިނާ ބުނާ ގޮތުން ނުރައްކާ ބޮޑު ކަމެެކެވެ.

ޓައިވާނަށް ޕެލޯސީ ކުރެއްވި ދަތުރަށް ފަހު ޗައިނާގެ އަސްކަރިއްޔާ ޓައިވާން ސަރަހައްދުން ނުފިލަ އެވެ. ޗައިނާގެ ވައިގެ ސިފައިން ދުވާލު އެތައް ފަހަރަކު ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ޖެޓުތަކުގައި ޓައިވާން ވަށައި ބުރުޖަހަ އެވެ. އަދި ނުވީ ތަނަކަށް އަސްކަރީ ޑްރޯން ބޭނުންކޮށްގެން ވެސް ޓައިވާން ރުޅިއަރުވައި، ޓައިވާންގައި ތިބި އެމެރިކާ ސިފައިން އުޅޭ ނޫޅޭ ގޮތް ބަލަ އެވެ.

ޗައިނާ އަސްކަރިއްޔާގެ އެއްވެސް އަމަލަކަށް ޓައިވާނުން މިހާތަނަށް ރައްދު ދިނުމުގެ ގޮތުންވެސް އިންޒާރު ދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް، މަދަނީ ޑްރޯންތަކެއް ޓައިވާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް ވަނުމުން އަސްލު ބަޑިން ދިން އިންޒާރީ ހަމަލާ އަކީ މިފަދައިން ޓައިވާން ދިން ފުރަތަމަ ހަމަލާ އެވެ.

އޮފިޝަލުން ބުނާ ގޮތުން ޑްރޯންތައް ފައްސާލަން ހަމަލާދިނުމުން ލަހެއް ފަހެއް ނެތި އެނބުރި ޑްރޯންތައް ޗައިނާއަށް މިސްރާބު ޖެހި އެވެ.

ޓައިވާންގެ މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޗައިނާގެ ޑްރޯންތައް ޓައިވާން ސަރަހައްދަށް ވަންނަ ނަމަ ހާއްސަ ސިޔާސަތަކުން އަމަލުކުރަން ވަނީ ނިންމާފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޑްރޯންތައް ދުރަށް ފޮނުވާލުމަށް ފުރަތަމަ ފަހަރު، ބަޑިބޭހުން އުފައްދާ އައްޔަކުން އިންޒާރު ދެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރު އެކަން އެގޮތަށް ނުކުރުމަށް ބުނެ އަންގާނެ އެވެ.

އެވަރުން ވެސް ޑްރޯންތައް މުގޯލި އަޅާނަމަ އަސްކަރީ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޑްރޯންތައް ފައްސާލެވޭނެ އެވެ. ދެން އޮތީ ހަތަރުވަނަ މަރުހަލާ އެވެ. އެެއީ ޑްރޯންތަކަށް ބަޑުޖަހައި ވައްޓާލުމެވެ.