ލައިފްސްޓައިލް

ކައިވެންޏާ ދެކޮޅުހެދުމުން އަންހެން މީހާ ރޮމުން ފިރިހެން މީހާ ފަހަތުން ދުވެފި

އިންޑިއާގެ ކައިވެނި ތަކުގައި ވަރަށް އާދަޔާޚިލާފު މަޖާ ކަންތައްތައް ހިނގަ އެވެ. އެ ގައުމުގެ ބިހާރުގެ ނަވާޑާގައި ދާދިފަހުން ބޭއްވި ކައިވެނި ހަފުލާއެއްގައި ވެސް މިފަދަ ކަމެއް ވަނީ ހިނގާފަ އެވެ.

މިފަހަރުގެ ހާދިސާގައި ކައިވެނީގެ ރަސްމިއްޔާތުގެ ވަކި ހިސާބަކުން ފިރިހެންމީހާގެ ޚިޔާލު ބަދަލުވެ ކައިވެނި ނުކުރަން ނިންމައި ކައިވެނި ހޯލުން މަގުމައްޗަށް ނުކުމެ ދުއްވައިގަތީ އެވެ. މި މަންޒަރު ބަލަން ނުހުރެ ކައިވެނި ކުރަން ހަމަޖެހިފައިވާ އަންހެންމީހާ ވެސް ފިރިހެންމީހާ ފަހަތުން ރޮމުން ދުވަން ފެށީ އެވެ.

ފިރިހެންމީހާ ދުވަމުން ގޮސް މާރުކޭޓެއް ކައިރީ މަޑުކޮށްލުމުން އަންހެންމީހާ އައިސް އެމީހާގެ އަތުގައި ހިފައި ދަމައި ގެންދަން މަސައްކަތްކުރާތަން މިހާރު ވައިރަލްވެގެން އުޅޭ މި މަންޒަރު ފެންނަ ވީޑީއޯގައި ފެނެ އެވެ.

ޓައިމްސް ނައު ގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި ދެ މީހުން ކައިވެނިކުރަން އުޅުނީ ލޯބިންނެއް ނޫނެވެ. މިއީ ދެ ފަރާތުގެ އާއިލާއިން މީގެ ތިން މަސް ދުވަސް ކުރިން ހަމަޖައްސައިގެން ކުރުވަން އުޅުނު ކައިވެންޏެކެވެ.
މި ކައިވެނިކުރާ މަތިން ޑައުރީގެ ގޮތުގައި ސައިކަލަކާއި 50،000 ރުޕީސް ވެސް އަންހެންމީހާގެ އާއިލާއިން ފިރިހެންމީހާގެ އާއިލާއަށް ދީފައި ވެއެވެ. ނަމަވެސް ފިރިހެންމީހާ އެކި ބަހަނާތައް ދައްކަމުން ކައިވެނި ލަސްކުރަމުން ގެންގޮސް އެންމެ ފަހުން އިތުރަށް ކައިވެނި ލަސް ކުރަން ދެއްކޭނެ ބަހަނާއެއް ނެތި އެ ދުވަހު ކައިވެނި ކުރަން އެތަނަށް ދިޔައީ އެވެ.

އަންހެންމީހާ އަށް އޭނާގެ ވާން އުޅޭ ފިރިމީހާ ފުރަތަމަ ފެނުމާއެކު ވެސް އެމީހާ އާ ގަޔާވެ އޭނާއާ ކައިވެނިކުރަން ބޭނުންވި އެވެ.

ނަމަވެސް ކައިވެނީގެ ރަސްމިއްޔާތު ފެށުމާއެކު ފިރިހެންމީހާ ފިލަން ދުއްވައިގަތީ އެވެ.

މި މައްސަލަ އެންމެ ފަހުން ހައްލުކުރީ ފުލުހުން މި މައްސަލައިގެ ތެރެއަށް ވަދެގެންނެވެ. ދެ ފަރާތުގެ އާއިލާގެ އެންމެން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ފުލުހުން އެމީހުންނަށް ނަސޭހަތްތެރިވެ، އަދި ދެ ފަރާތުން ސުލްހަވެރިކަމާއެކު ވާޙަކަ ދައްކައިގެން މި މައްސަލަ ހައްލުކުރުމަށް އެންގި އެވެ.

ދެ ފަރާތުގެ އާއިލާ ވާޙަކަ ދެއްކުމަށްފަހު ކުރިން ވެސް ހަމަޖެހުނު ގޮތަށް ކައިވެނީގެ ކަންތައް ކުރިޔަށް ގެންދަން ނިންމީ އެވެ.

އެންމެ ފަހުން ދެ މީހުންގެ ކައިވެނި ކުރުވާފައިވަނީ ޕޮލިސް ސްޓޭޝަނާ ޖެހިގެން ހުރި ފައްޅިއެއްގަ އެވެ.