ބޮލީވުޑް

ފިލްމް ފެއާ އެވޯޑު: އެންމެންގެ ސަމާލުކަން ބޮޑު ގަމީހެއް ލައިގެން ހުރި ދީޕީކާ އަށް!

ފިލްމް ފެއާ އެވޯޑަކީ ބޮލީވުޑްގެ ތަރިންނަށް ދޭ އެންމެ ޒަމާންވީ އަދި ގިނަ ބަޔަކު ވަރަށް ގަދަރުކުރާ އެވޯޑެކެވެ. މި އެވޯޑު ހަފުލާއަށް ދާ ކޮންމެ މީހަކުވެސް ދަނީ އެމީހަކަށް ފެހުނު އެންމެ އަގުބޮޑު އަދި އެންމެ ފެޝަން ހެދުމެއް ލައިގެންނެވެ. ޚާއްސަކޮށް އެމީހުންގެ ވާދަވެރިން އަޅާ ހެދުންތަކާ ތަފާތު، އަގުބޮޑު، ރީތި ހެދުން އެޅުމަށް ބަތަލާއިން ވަރަށް ސަމާލުކަން ދެއެވެ.

ނަމަވެސް މި އެވޯޑު ހަފުލާއަށް ދީޕިކާ ޕަދުކޯން ދިޔައީ އެއްގޮތަކަށް ވެސް ތައްޔާރުނުވެ އެވެ. ގޭގައި އާއްމުކޮށް އުޅޭއިރު މީހުން ލާ އުޅޭ ކަހަލަ ހެޔޮވަރު ނޫން ބޮޑު ގަމީޙަކާއި އާދައިގެ ޖީންސެއް ލައިގެން ސްނިކާ ބޫޓަކަށް އަރައިގެންނެވެ.

ރެޑް ކާޕެޓްގައި އާއްމުކޮށް ހިނގާއިރު މީހުންގެ ހިތް ހުއްޓޭވަރުގެ ރީތި ފަރި ހެދުންތައް އަޅާ ދީޕިކާ މި ވަރުގެ ބޮޑު އެވޯޑު ހަފުލާއަކަށް މިގޮތަށް ދިއުމުން ގިނަ ބަޔެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އަދި ސޯޝަލް މީޑީއާގައި އެއްބަޔަކު އޭނާއަށް ވަރަށް ތައުރީފުކުރިއިރު މިކަމާ މަލާމާތްކުރި މީޙުން ވެސް މަދެއް ނޫނެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް މި އެވޯޑު ހަފުލާގައި ދީޕިކާ އެހާ ނުރަސްމީކޮށް ބައިވެރިވީ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާ މި ހަފުލާއަށް އައީ ފިރިމީހާ ރަންވީރު ސިންގް އަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބޭތީ އެތަނަށް ނައިސް ނުވެގެން ކަން ގިނަ ބަޔަކު ފާހަގަ ކުރި އެވެ.

ރަންވީރު އަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބިފައިވަނީ "83"ގައި އޭނާ ކުޅެފައިވާ ރޯލަށެވެ.

މަޝްހޫރު ޑިޒައިނަރުންގެ ރީތި، އަގުބޮޑު ހެދުންތަކުގެ ބަދަލުގައި އާދައިގެ ގަމީހަކާއި ޖީންސެއް ލައިގެން ދީޕިކާ އެވޯޑު ހަފުލާއަށް ދިއުން އެއްބަޔަކަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވިޔަސް ބަލާބެލުމަށް ދީޕިކާ ހުރީ އޭނާ އަޅައިގެން ހުރި ހެދުމާ ހިތްހަމަޖެހިގެން އުފަލުންނެވެ.

އެވޯޑު ބަލާ ސްޓޭޖަށް އަރަން ގޮވުމުން ރަންވީރު ވަނީ ދީޕިކާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ސްޓޭޖަށް ވެސް އަރުވާފަ އެވެ. ކަރަން ޖޯހަރްގެ އަތުން މި އެވޯޑު ރަންވީރަށް ދިން އިރު އޭނާއާ އެންމެ ކައިރީގައި ދީޕިކާ ހުއްޓެވެ.

ސްޓޭޖަށް އެރިއިރު ދީޕިކާ އަޅައިގެން ހުރި ހެދުމަށް ފާޑުކިޔާ މީހުން ބުނަނީ މިއީ ފިލްމްފެއާ އެވޯޑަށް ދީޕިކާގެ ހިތުގައި އެއްވެސް ގަދަރެއް ނެތްކަން ހާމަކޮށްދިނުމަށް އޭނާ ގަސްތުގައި ކުރި ކަމެއް ކަމަށެވެ.

ނަމަވެސް ދީޕިކާ އަށް ތާއީދުކޮށް ވާޙަކަ ދެއްކި މީހުން ބުނެފައިވަނީ އޭނާ އެވޯޑު ހަފުލާއަށް ދިޔައީ ފިރިމީހާ އަށް ސަޕޯޓްކުރުމުގެ ގޮތުން ކަމަށް ވާތީ އޭނާއަށް ފަސޭޙަ، ހިތްހަމަޖެހޭ ހެދުމެއް އެޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.