ދުނިޔެ

އެމެރިކާއާ މަޝްވަރާ ކުރެވެން އޮތީ ޝަރުތު ގަބޫލުކުރާ ނަމަ: ޗައިނާ

އެމެރިކާއާ މަޝްވަރާކުރަން ޝަރުތު ކަނޑައެޅުމަކީ ޗައިނާއަށް ވެސް ލިބިފައި އޮތް ހައްގެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ވޮޝިންގްޓަނާ އެކު ކުރިން މަޝްވަރާކުރި މައުލޫތަކަށް -- މޫސުމާ ގުޅުން ހުރި ބަދަލުތަކާއި ނިއުކްލިއާ ހަތިޔާރު، ފަދަ މައުލޫތަކަށް ދެން މަޝްވަރާ ކުރެވޭނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުން ޓައިވާނަށް ވަޑައިގަތުމުުގެ ސަބަބުން ޗައިނާގެ އިސްތިގުލާލަށް ގެއްލުން ލިބިފައިވާ ކަމަށް އެމެރިކާ ގަބޫލުކުރާ ނަމަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ދަތުރުކުރެއްވީ އެކަން އެގޮތަށް ނުކުރުމަށް އެމެރިކާގެ ކިބައިން އެދިފައި ވަނިކޮށް ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޕެލޯސީގެ ސަބަބުން ދެގައުމުގެ ގުޅުމަށް ދަތިވެއްޖެ ކަމަށް ވެސް ޗައިނާގެ ފޮރިން މިނިސްޓްރިގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޗައިނާ ބުނާ ގޮތުން އެމެރިކާއިން ޕެލޯސިއާ މެދު ވިސްނަން ޖެހެ އެވެ. އަދި އޭނާގެ ސަބަބުން ޗައިނާއަށް ލިބޭ ގެއްލުންތަކަށް ޒިންމާ ވެސް ވާން ޖެހެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މި ބަޔާން ނެރުނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ވޮޝިންގްޓަނުން ކަނޑައަޅާފައި ހުންނަވާ ޖޯން ކެރީ ފައިނޭޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއާ ގުޅިގެންނެވެ.

ޖޯން ކެރީ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ މެދު މަޝްވަރާކުރުން ޗައިނާއިން މަނާވެގަތުމުން ގެއްލުން ލިބޭނީ މުޅި ދުނިޔެއަށެވެ. އޭނާ އަދި ވިދާޅުވީ އެ ބަދުނާމު ޗައިނާޣެ ބޮލުގައި އެޅޭނެ ކަމަށެވެ.

އެހެން ނަމަވެސް، ޗައިނާ ބުނާ ގޮތުން މޫސުމީ ބަދަލުތަކަށް މަޝްވަރާ ކުރެވޭ ނަމަ އެ މަޝްވަރާތަކުގައި ޗައިނާ ބައިވެރިވާނެ އެވެ.

ވޮޝިންގްޓަނުން އޮފިޝަލުން ޓައިވާނަށް ފޮނުވާ މައްސަލާގައި ޗައިނާ އާއި އެމެރިކާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ޗައިނާ ދެކޭ ގޮތުގައި ޓައިވާން އަކީ ޗައިނާގެ އަވަށެވެ. އަދި ލޭ އޮހޮރުވުމެއް ނެތި ޓައިވާނަށް އަރައި ޗައިނާ ސަރުކާރުގެ ސިޔާސަތު ތަންފިޒު ކުރުމަކީ އޮތް ވަރަށް ބޮޑު އުންމީދެކެވެ.