ދުނިޔެ

ސުއޭޒް ކެނަލްގައި ތާށިވި ސިންގަޕޫރުގެ ތެޔޮ ޓޭންކަރު ފުންކޮށްފި

މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވި ޓޭންކަރު ޓަގުޖަހައި ފުންކޮށްފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ސުއޭޒް ކެނަލް ހިނދުކޮޅަކަށް ބަންދުވުމުން ވެސް ޓްރެފިކް ތޮއްޖެހި ދަތުރުފަތުރަށް ވަނީ ބުރޫއަރާފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނާ ގޮތުން ސިންގަޕޫރުގައި އޮޕަރޭޓްކުރާ ތެޔޮ ޓޭންކަރެއް ކަނޑުއޮޅީގައި ތާށިވި ޚަބަރާ އެކު އިދާރާތައް އެމެޖެންސިއަށް ދިޔަ އެވެ.

އެހެން ނަމަވެސް، ހީކުރެވުނު ގޮތާ މުޅިން ޚިލާފަށް ޓޭންކަރުގައި ޓަގުބޯޓު ޖަހައި ހިފާލުމުން ވަރަށް ފަސޭހައި ފުންވީ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އޮފިޝަލުން ބުނާ ގޮތުން ޓޭންކަރު އެހާ ފަސޭހައިން ފުންކުރެވުނީ މުދާ އަރުވާ ބަރާކޮށްފައި ނެތުމުންނެވެ.

ސުއޭޒް ކެނަލަކީ ކަނޑު ދަތުރުފަހަރަށް -- ޚާއްސަކޮށް މުދާއުފުލާ ބިޔަ ބޯޓުފަހަރަށް ވަރަށް ބޮޑު ފަސޭހައެކެވެ. އެއީ މެޑިޓަރޭނިއަން އާއި ރަތްކަޑު ހުރަސްކުރުމަށް އޮތް އެންމެ ކުރު މަގެވެ.

އަނެއްކޮޅުން ސުއޭޒް ކެނަލަކީ މިސްރަށް ބޭރުފައިސާ ވައްދައިދޭ ދޮރޯއްޓެވެ. އެހެންކަމުން، އެ ކަނޑުއޮޅި ފުޅާކޮށް ބިޔަ ބޯޓުފަހަރު ދަތުރުކުރެވޭ ފެންވަރަށް ތަރައްގީކުރަން މިސްރުން ވަރަށް އިސްކަން ދެ އެވެ.

ސުއޭޒް ކެނަލްގައި ދޭތެރެ ދޭތެރެއިން ބިޔަ ބޯޓު ފަހަރު ބީހުމަކީ އަބަދު ވެސް ހިނގާ ކަމެކެވެ. އެހެން ނަމަވެސް، އެމްވީ އެވާ ގިވަން ނަމަކަށް ކިޔާ ބޯޓެއް ތާށިވި ހާދިސާގައި ކޮންޓެއިނާ ބޯޓު އުފުލާ ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

އެމްވީ އެވާ ގިވަން ކޮންޓެއިނާ ބޯޓް ސުއޭޒް ކެނަލްގައި ތާށިވީ މާޗް 23، 2021، އަންގާރަ ދުވަހު އެވެ.

ޖަޕާން ކުންފުންޏަކަށް މިލްކުވެރިކަން އޮންނަ 400 މީޓަރު ދިގު ބިޔަ ބޯޓު ތާށިވީ ޗައިނާއިން މުދާ ބަރުކޮށްގެން ނެދަލޭންޑްސް އަށް 220،000 ޓަނުގެ މުދަލާއެކު ދަތުރު ކުރަނިކޮށެވެ. ބޯޓް ފުން ކުރެވުނީ ހުއްޓުމެއް ނެތި ކުރި މަސައްކަތުން، ހަ ދުވަސް ފަހުން -- މާޗް 29، 2021 ގައެވެ.