އަބްދުﷲ ޝާހިދު

ރައީސް ދެވަނަ ދައުރެއް ކާމިޔާބުކުރައްވާނެ: ޝާހިދު

Sep 1, 2022
5

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރިޔާސީ ދެވަނަ ދައުރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަށަވަރުކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާ ގުޅޭ ޝާހިދު ވާހަކަދެއްކެވީ އދ. ރައީސްގެ ހައިސިއްޔަތުން މި ހަފްތާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ރައްޔިތުންނަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެކަންތައްތައް ރައްޔިތުން ވަނީ ބަލައިގެންފައި ކަމުގައިވެސް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ޝާހިދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ރައްޔިތުންގެ ތަރައްގީއަށް ކޮށްދޭނެ ކަމެއް ނެތް ބަޔަކު އަވަށްޓެރިންނާ ދެކޮޅަށް ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ޝާހިދު އިންޑިއާ އަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންޑިއާގައި ހުންނަވަނިކޮށެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ސޯލިހް ތައްޔާރުވެވަޑައިގަންނަވަމުންދާއިރު ރައީސް ނަޝީދު ވެސް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.