މޯލްޑިވްސް ޕޮލިސް ސާވިސް

ފިހާރައެއް ހަދައިގެން ބަނގުރާ ވިއްކި މީހަކު ހައްޔަރުކޮށްފި

Sep 1, 2022

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކުރީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ފިހާރަ ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ އާއި ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހު މުއްދަތު ދީފައިވއެވެ.

ފުލުހުން ބުނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.