މުޙައްމަދު އާސިފް (މޮންދު)

ޕީއެސްއެމްގެ ބޯޑުން މޮންދު އިސްތިއުފާ ދެއްވައިފި

ދައުލަތުގެ މީޑިއާ ކުންފުނި -- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފި އެވެ.

މޮންދު އިސްތިއުފާ ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

އަވަސްއާ މިއަދު ވާހަކަދައްކަވަމުން މޮންދު ވިދާޅުވީ ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވީ އަމިއްލަ މީޑިއާއެއްގައި މަސައްކަތް ކުރެއްވުމަށް ރަނގަޅު ހުށަހެޅުމެއް ލިބިވަޑައިގަތުމާ ގުޅިގެން ދެ މީޑިއާއެއްގައި އެއްވަގުތެއްގައި މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ފުށުއަރާނެ ކަމަކަށްވާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވާދަވެރި ދެ މީޑިއާއެއްގައި އެއްވަގުތެއްގައި މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. އެހެންވެ ރޭގެ ވަގުތެއްގައި އަޅުގަނޑު ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދީފިން،" މޮންދު ވިދާޅުވި އެވެ.

މޮންދު އެންމެ ފަހުން އަމިއްލައެއް މީޑިއާއެއްގައި މަސައްކަތް ކުރެއްވީ ވީމިޑިއާ ގުރޫޕްގަ އެވެ. އެތަނުގައި ހަތް އަހަރު މަސައްކަތް ކުރެއްވުމަށްފަހު ވީމީޑިއާ އިން މޮންދު އިސްތިއުފާ ދެއްވީ ޑިސެމްބަރު 30، 2019 ގައެވެ.

ވީމީޑިއާ އިން އިސްތިއުފާ ދެއްވުމަށްފަހު މޮންދު ގެންދަވަނީ "މޮންދު ޕްރޮޑަކްޝަން"ގެ ނަމުގައި މީޑިއާއާ ގުޅުންހުރި އަމިއްލަ މަސައްކަތްތައް ކުރައްވަމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މޮންދު މިވަގުތުވެސް ހުންނެވީ އަމިއްލަ މީޑިއާއެއްގެ ކޮންސަލްޓެންޓަކަށް ހަމަޖައްސާފަ އެވެ. މޮންދު ދެން ގުޅިވަޑައިގަންނަވާނީ ވެސް އެ މީޑިއާއާ ކަމަށް އެނގިފައިވެ އެވެ.

"އަޅުގަނޑު ދެން ގުޅޭނެ މީޑިއާއެއް ފަހުން އަދި ހާމަކުރާނަން،" ގައުމީ އަރުޝީފުގެ ބޯޑުގެ ރައީސްގެ ގޮތުގައިވެސް ހުންނެވި މޮންދު ވިދާޅުވި އެވެ.

މޮންދު މީޑިއާގެ މަސައްކަތް ފެއްޓެވީ ޓީވީއެމްގައި 1991 ވަނަ އަހަރު އެވެ. މޮންދު ޓީވީއެމް އިން ވަކިވެވަޑައިގަތީ 23 އަހަރު އެތަނުގައި ހިދުމަތް ކުރައްވާފަ އެވެ.

މީޑިއާގައި މޮންދު ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ ހަބަރާއި މައުލޫމާތުގެ ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މޮންދުއަށް ދީފަ އެވެ.