ވާހަކަ

އިޙްސާސްވޭ

( 30 އޯގަސްޓް 2022 އާ ގުޅޭ )

އިވާންގެ ނަޒަރު އެ ބައިން ނުކުންނަން ދިޔަ ދެ އަންހެން ކުދީންނަށް ހުއްޓިފައި ވިއެވެ. މިޒްނާ ލޯބިވާކަން އެއީ އިވާންއަށް ނޭނގޭ ކަމެއް ނޫނެވެ. އޭނާ މިޒްނާގެ ކިބައިން ފައިދާނެގީކަން ޚުދު އިވާނަށް އެނގެއެވެ. މިޒްނާ އެދޭފަދަ މީހަކަށް އޭނާއަކަށް ނުވެވޭނެއެވެ. އޭނާ ހާޞިލް ކުރާން ބޭނުންވާ އަމާޒު ތަފާތެވެ. ހިތްވަނީ މާކުރީން އެހެން އަންހެންކުއްޖަކަށް ދެވިފައެވެ. ހަޔާތަށް ގެންނަން ބޭނުންވަނީ ހަމައެކަނި އެ އަންހެންކުއްޖާއެވެ.

* * * * *

ފިނި ދުވަހެކެވެ. ބަނަވިލާތަކުން އުޑުމަތި ބައްދާފައިވާއިރު ދުނިޔެ ނިދާފައިވާ ކަހަލައެވެ. ހޫނު ސައިޖޯޑުގައި ދެ އަތުން ހިފަހައްޓާލައިގެން މާޔަލް ހުރީ ބެލްކަނީގެ ދޮރުމަތީއެވެ. ޖެހޭ ފިނިފިނި ރޯޅިތަކުން ގަނޑުވެދާނޭ ހީވާތީ ބޭރަށް ނުކުންނަން ބޭނުންނުވެފައި މާޔަލް ހުރި ކަހަލައެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުގެ މަތީ އޮތް މާޔަލްގެ ފޯނު ރިންގުވާން ފެށިއެވެ. އެނބުރި އެ ދިމާއަށް އޭނާ ހިނގައިގަތެވެ. އައިތަންގެ ފޯނުކޯލެކެވެ. މާޔަލް ބަލާ އައީކަން އޭނާއަށް އެނގުނެވެ. ތުންވެސް ޖަހާނުލާ ހުރި ސައިޖޯޑު ކޮފީމޭޒު މަތީ މާޔަލް ބަހައްޓާލިއެވެ. ދެން ސޯފާގެ މަތިން އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އޭނާ އައީ އެޕާޓްމެންޓުން ނުކުންނާށެވެ.

"ގުޑް މޯނިން." ކާރަށް މާޔަލް އެރުމުން ހެނދުނުގެ ސަލާމް އައިތަން ކޮށްލިއެވެ. އެއާއެކު ހަމަފަދައިން މާޔަލް ވެސް ސަލާމްކުރިއެވެ.

"ބަލިއްޔާ ރެސްޓްކުރަންވާނެ." އައިތަން ބުންޏެވެ. މާޔަލްގެ ޠަބީޢަތް ރަނގަޅުނޫންހެން އައިތަންއަށް ހީވެއެވެ. އޭނާގެ ވާހަކައަށް މާޔަލްގެ ފަރާތުން އިޝާރާތެއް ނުވިއެވެ.

ކާރު ދުއްވަމުން ދިޔައިރު ދޭތެރެއަކުން މާޔަލްއަށް އައިތަން ބަލާލައެވެ. ހިމޭންކަމުގައި އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލި މާޔަލް އިން ކަހަލައެވެ. ކާރުގެ ދޮރުފަތުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ އެ އަންހެންކުއްޖާ ޚިޔާލު އެ ކުރަނީ ކޮންކަމެއްބާއޭ އައިތަން ހިތަށް އަރައެވެ.

"ދޮންބެ ގުޅިތަ؟." އައިތަން އަހާލިއެވެ.

"ހޫމް... ހާލުބެލި." އައިތަން ކުރި ސުވާލަށް މާޔަލް ޖަވާބުދިނީ އިރުކޮޅެއް ފަހުންނެވެ. އެއްވެސް ހަރަކާތެއްކޮށްލުމެއްނެތިއެވެ.

"ދޮންބެ ވޮރީވެގެން އުޅުނު މާޔަލް ނާންނާނެކަން އެނގުނީމަ. ވަރަށް ސުވާލުކުރި. އެހެންވެ ހިތަށް އެރީ އަހަރެން ބުންޏަސް ޤަބޫލުނުކޮށް މާޔަލްއަށް ގުޅާނޭ." އައިތަންގެ ވާހަކައާއެކީ ލުއި ހިނިތުންވުމެއް ވެސް ބަދަލުކޮށްލިއެވެ. ނަމަވެސް މާޔަލް ބަލައެއް ނުލިއެވެ. އޭނާގެ ޝައުގެއް ނެތް ފަދައެވެ.

މަސްފެންގަނޑާ ދިމާއަށް ނުކުމެ ސަރައްކާލީގައި މަޑުކޮށްލައިގެން އައިރިކް ހުއްޓެވެ. އޭނާގެ ދެއަތްތިލަވަނީ ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލެވިފައެވެ. އޭނާ ހުރީ އޮފީހަށް ދާން ތައްޔާރުވެގެން ހުރި ފަދަ ރަސްމީ ހެދުމެއްގައެވެ. ނަމަވެސް ކަރުގައި ޓައިއެއްނެތެވެ. އަތުކުރީ އޮތް ގަޑީގައި އޭނާ އިނގިލި ޖައްސާލިއެވެ. ގަޑިންވީއިރު ބަލާލިއެވެ. އޭނާ އިންތިޒާރު އެ ކުރަނީ މާޔަލްއަށެވެ. މިހާރު އަންނަން އުޅޭނެކަން އެނގޭތީއެވެ. ހެނދުނުގެ ނާސްތާ މިއަދު އައިރިކްގެ ބަޔަށް ގެނެސްދޭން އޭނާ ވަނީ އެދިފައެވެ. ދުވަސްތަކަކަށްފަހު މިއަދު އޭނާ ހެނދުނުގެ ނާސްތާކުރާން ބޭނުންވަނީ މާޔަލައާއެކީ ދެ މީހުން އެކަނި ތިބެއެވެ. އެހެންވެ މާޔަލް އަތުވެއްޖެކަން އެނގުމުން ނާސްތާ ހިފައިގެން އެ ބަޔަށް އަންނަން ފަޒްނާ ކައިރީ އައިރިކް އޮތީ ބުނެފައެވެ.
މާޔަލްއާއެކު އައިތަން ވެސް އައިރިކް އުޅޭ ބަޔަށް އައެވެ. އައިރިކްގެ ޠަބީޢަތް ރަނގަޅުނޫނޭ ފަޒްނާ ބުނީ އޭނާއަށް ހީވިހީވުމެއްގެ މައްޗަށެވެ. ކާކޮޓަރިއަށް ނާސްތާކުރާން ނައުމަކީ އެކަމުގެ އިޝާރާތެއްކަމުގައި ޝަބްނަމްއާއި އިސާކު ވެސް ދުށްޓެވެ. އެހެންވެ އައިތަން އައީ އައިރިކްގެ ރުޅިގަނޑު މާޔަލްއަށް ބޭރުކޮށްލަފާނޭތީއެވެ. މާޔަލްގެ ހާލު ރަނގަޅުހެން ހީނުވާއިރު އައިރިކްގެ ފުށުން އެ އަންހެންކުއްޖާ އިތުރު ތަކުލީފުތަކެއް ލިބޭން އައިތަން ނޭދެއެވެ. އޭނާ ބޭބެ ގޮވައިގެން އެއްފަރާތްވެލުމާއެކު ދެއްކީ އެ ވާހަކައެވެ. މިއަދު މާޔަލްއަށް އެހާ ބުރަނުކުރުމަށެވެ. ލަވާ ހަޅޭ މަދުކުރުމަށެވެ. އެ ވާހަކަތަކަށް އައިރިކް ފަރުވާލެއްނެތެވެ. އޭނާ ހުރީ އައިތަން ނުގޮސްގެންނެވެ.

ތަފާތު ހިމޭންކަމެއް އައިރިކްއާއި މާޔަލްއާ ދެމެދަށް ވެރިވެފައި އޮތެވެ. ސައިބޮއެ ނިމި މަސައްކަތްތައް މާޔަލް ފެށިއެވެ. އައިރިކްއާ އޭނާ ވާހަކަ ދައްކަނީ އޮފީހުގެ މަސައްކަތާ ގުޅިގެންނެވެ. އެގޮތުގައި ވަގުތުތައް ދިޔައެވެ. މާޔަލް އިސްވެ ވާހަކައެއް ނުދައްކާނެކަން އައިރިކްއަށް ޔަގީންވިއެވެ. މެންދުރުގެ ވަގުތު ވެއްޖެކަން ގަޑިން ބުނުމާއެކު އައިރިކްގެ ވިސްނުން ހުރީ މަސައްކަތް މެދުކަނޑާލާށެވެ. މާޔަލްއަށް ފޯނެއް އައީ އެވަގުތެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދިނުމުގެ ހުއްދައަކަށް އެދުނެވެ. އަދި ބްރޭކަށް ނަގަން ޚިޔާލު ފާޅުކުރިއެވެ. އައިރިކް އެންމެ ރަނގަޅުކަމަށް ބުނުމުން މާޔަލް ފޯނު ހިފައިގެން ތެދުވީއެވެ. އަދި އެ ފޯނުކޯލަށް އޭނާ ޖަވާބުދިނީ އައިރިކްއާ ދުރުގައި ހުރެއެވެ. މާޔަލް އެނބުރި އައިސް އިހު އިންތަނުގައި އިށީނުމުން އައިރިކް ވާހަކަދެއްކިއެވެ.

"ބޯއިފްރެންޑްތަ ގުޅީ." މަދު ދުވަހަކުނޫނީ އާދަވެގެން މާޔަލްއަށް މެންދުރު އެ ކޯލު އަންނަކަން އައިރިކްއަށް ފާހަގަވެފައި އޮތީމަ ބުންޏެވެ. ކުރީން އެ ކޯލާމެދު ސުވާލު އުފެދުނަސް މިހާރު އެއީ ކާކުގެ ފޯނުކޯލެއްކަން އައިރިކްއަށް އެނގެއެވެ.

"ކިހިނެއް ތި ދެ މީހުން ދިމާވީ." މާޔަލް އަނގައިން ނުބުނި ނަމަވެސް ދެވަނަ ސުވާލެއް އައިރިކް ކުރިއެވެ.

"ރިކް އެނގެން ބޭނުންތަ؟." އައިރިކްއާ އިވާންގެ ވާހަކަދެއްކުން ރަނގަޅު ޚިޔާލަކަށް ވެދާނޭ މާޔަލްއަށް ހީނުވަނީއެވެ.

"މާޔާ މެރީކުރާން އުޅޭ މީހާ އެނގެން އަހަރެން ވެސް ބޭނުން." އައިރިކް ބުންޏެވެ.

"އިވާންއަކީ ސްކޫލުގައި އަހަންނާ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާގެ ބޭބެ. އެގެއަށް އަހަރެން ދިޔަ ފަހަރެއްގައި އިވާންއާ ދިމާވީ. ދެޓްސް އިޓް." މާޔަލް މިހެން ބުނެ އައިރިކްއަށް ބަލާލިއެވެ. އޭރު އެ މޫނު ހުރީ މާޔަލްއާ އަމާޒުކޮށްލެވިފައެވެ. ސީދާ މާޔަލްއާ ދިމާއަށް ބަލަން އިން ކަހަލައެވެ.

"އޭނަތަ ރައްޓެހިވާން އެހީ." އައިރިކް ސުވާލުކުރިއެވެ. އެއާއެކު މާޔަލް ހޫން ލައްވާލަމުން ބޯޖަހާލީއެވެ.

"ވަރަށް ލޯބިވޭތަ؟." އައިރިކްއަށް އުނދަގޫވީ ނަމަވެސް އޭނާ އަހާލިއެވެ.

މާޔަލްއާ އެ ސުވާލު ކުރިމަތިވުމުން ޖަވާބުދޭން ފަސޭހައެއް ނުވިއެވެ. އޭނާގެ ދައްތަ ވެސް އޭނާއާ ވަނީ އެ ސުވާލުކޮށްފައެވެ. އިވާންދެކެ މާޔަލް ލޯބިވޭ ހެއްޔެވެ. ފުން ވިސްނުމަކަށް މާޔަލް ގެއްލެމުން ދިޔައެވެ. އޭނާއަށް އިވާން ފާހަގަވުމުގެ މާކުރީން އިވާން ވަނީ އޭނާ ހޮވާފައެވެ. އައިމީ މެދުވެރިއަކަށްވެ ހުރެ އެކި މެސެޖުތައް މާޔަލްއަށް އިވާން ފޮނުވަން ފެށީއެވެ. އޭރު އަދި ލޯބިވެރިޔެއް ހޯދުމުގެ ވިސްނުން ވެސް މާޔަލްގެ ނެތެވެ. އެއަށްވުރެ މާޔަލްގެ ހަޔާތުގައި ހާސިލުކުރާން ބޭނުންވާ މުހިންމު އެހެން ކަންތައްތައް ހުއްޓެވެ. މާޔަލް އެއްބަސްނުވަނީސް އިވާން ދުލެއް ނުކުރިއެވެ. އެކުވެރިޔާގެ ބޭބެއަށް އިވާން ވުމަކީ ވެސް މާޔަލްއަށް ނޫނެކޭ ބުނާން އުނދަގޫވީ ސަބަބެކެވެ. އައިމީ ވެސް ހުރީ އޭނާއާއި އިވާން ގުޅޭން ނުހަނު ބޭނުންވެފައެވެ. ލޯތްބަކީ ކޮބާކަމެއް، އެއީ ކޮންކަހަލަ އިޙްސާސެއް އެކުލެވޭ ޖަޒުބާތެއްކަމެއް މާޔަލް ނުދެނަ ހުއްޓެވެ. އެހެންވިޔަސް އޭނާ އިވާންގެ ލޯބިވެރިޔާއަށް ވެއްޖެއެވެ. އިވާން ދޭ ސަމާލުކަން މާޔަލްއަށް ކަމުދިޔައެވެ. މުސްތަޤްބަލާ މެދު އަބަދުވެސް އިވާން ޚިޔާލުފާޅުކުރެއެވެ. އޭނާގެ ދިރިއުޅުމާ މާޔަލްވަނީ ނުހަނު ބޮޑަށް ގުޅިފައިކަން އެ ވާހަކަތަކުން އެނގެއެވެ. އިވާންގެ މިޒާޖާއި އޭނާ ބަހައްޓާ ޚާއްޞަ ގޮތް ކަމުދާންފެށުމުން މާޔަލް ދުށީ އެއީ އޭނާއަށް ވެސް އިވާންދެކެ ލޯބިވެވިއްޖެކަމުގެ ރަމްޒެއްކަމެވެ. އިވާންގެ ޢާއިލާއިން ވެސް އޭނާ ވަނީ ބަލައިގެންފައެވެ. އެމީހުން ވެސް އުންމީދުކުރަމުން އައީ އިވާންއާއެކީ އެގެއަށް ދިރިއުޅޭން މާޔަލް އަންނާނެ ދުވަހަކަށެވެ. އެހެންވެ އިވާންއާއެކީ އޮތް ގުޅުން ދަމަހައްޓަން އިތުރަށް މާޔަލް މަސައްކަތް ކުރާންޖެހޭނެކަން އޭނާ ޤަބޫލުކުރިއެވެ. އެކަން އަމިއްލަ ނަފްސަށް އޭނާ އައީ ވިސްނައިދެމުންނެވެ.

ޚިޔާލުތަކުގެ ތެރެއިން މާޔަލްއަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. އޭނާއާއި އިވާންއާ ދެމެދު މައްސަލަ ޖެހެންފެށީ ކޮންއިރަކުބާއެވެ. މާޔަލްގެ ޟަމީރު ދުރު ހަނދާނެއްގެ މަންޒަރު ކަޝްފުކޮށްލި ފަދައެވެ. އެ ދުވަހު މާޔަލްއަށް ކުރެވުނީ އޭގެ ކުރީން އޭނާއަށް އިޙްސާސް ކުރެވިފައިނުވާ ފަދަ އުނދަގޫކަމެކެވެ. އެއީ ފުރަތަމަ ފަހަރަށް އިވާން އޭނާގެ ގައިގާ ކުރީން ނުބީހޭހާ ގާތްކޮށް ބީހެން އުޅުނު ދުވަހެވެ. ލޯބިވެރީންގެ މެދުގައި އެވަރުގެ ގާތްކަމެއް ބޭއްވުން މައްސަލައެއްނޫންކަން އިވާން ވިސްނައިދޭން އެތައް ވާހަކައެއް މާޔަލްއާ ދެއްކިއެވެ. އިވާންއަށް އިތުރުބާރުކުރުމަށާއި އޭނާ މާޔަލްއަށް ދެރަގޮތެއް ނުހަދާނަންކަން ވަޢުދުވިއެވެ.

މާޔަލްއަށް ދެ ލޯ މަރާލެވުނެވެ. އައިރިކްއާ ބައްދަލުވުމުގެ މާކުރީން ހިނގާފައި ހުރި މަންޒަރުތަކެއްކަން އޭނާގެ ކުރިމަތިން ކަޝްފުވަމުން ދަނީ މާޔަލްއަށް އެނގެއެވެ. އެހެންވިޔަސް އޭނާ ސުވާލު އުފެދިފައިވީ އޭނާގެ ނިންމުންތަކާމެދުއެވެ. އައިރިކްއާ ދިމާނުވާއިރު ވެސް އޭނާ އިވާންއާ ގާތްކަމެއް ބާއްވަން ފަސްޖެހޭންވީ ކީއްވެހެއްޔެވެ. އައިރިކްއާ ދިމާވެގެން ގިނަ ދުވަސްތަކެއް ދެމެދުގައި ނުވަނީސް އޭނާގެ އިސްނެގުންތަކަށް މާޔަލް ޖެހިލުންނުވީ ކީއްވެ ހެއްޔެވެ. އައިރިކްއާއެކު ބޭއްވޭ ގާތްކަމަށް އޭނާގެ ހިތް ރުހެންވީ ކީއްވެ ހެއްޔެވެ. އައިރިކް ކުރާ ކަންކަމުން އޭނާއަށް މާބޮޑަށް އަސަރުކުރެއެވެ. ދެ މީހުން ކުރީން ބައްދަލުވެފައިވާ ކަމުގެ އިޙްސާސް މާޔަލްއަށް ކުރެވެންވީ ސަބަބެއް ވެސް ނޭނގެއެވެ.

"މާޔާ... ކީއްވެ އެއްޗެކޭ ނުބުނީ. އޭނާދެކެ ލޯބިވޭތަ؟." އައިރިކް ޖެހިލީ މާޔަލްއާ ގާތަށެވެ.

"ލޯބިނުވާނަމަ މެރީ ކުރާކަށް ނުނިންމާނެއެއްނު." މާޔަލް މިހެން ބުނި އެ ދެ ލޮލާއި މޫނުމަތީގައި އުފާވެރިކަމުގެ އަސަރެއް ނެތެވެ. އޭނާގެ އެ ނިންމުމުގެ ސަބަބުން ހިތުގައި ރިހޭކަން އެނގެއެވެ. ނުތަނަވަސްކަން އިތުރުވެފައި ވެއެވެ. އެހެންވިޔަސް އެފަދަ ކިތަންމެ ނުތަނަވަސްކަމެއް އިވާންއާ ގުޅިގެން އުޅުމަށް ޓަކައި މާޔަލްގެ ހިތުގައިވަނީ ފޮރުވާފައެވެ.

"ދެން ކީއްވެ އެކަމާ އުފާނުވަނީ." އައިރިކް ބުންޏެވެ.

މާޔަލްއަށް ސިހުން ލިބުނެވެ. ކުއްލިއަކަށް އިސްޖަހާލެވުނެވެ. އޭނާގެ މޫނުން ހިތުގެ ހާލު އައިރިކް ދެނެގަތީއޭ ހީކުރެވުނެވެ. އައިރިކްގެ ލޮލަށް ނުފެންނަކަން މާޔަލް ހަނދާންވީ ދެނެވެ. އިސްއޮބާލާފައި ވެސް އޭނާ އަލުން އައިރިކްއަށް ބަލާލިއެވެ. ބޭގަރާރުކަމާއި ބޭނުންވުމުގެ އަސަރު އެ ދެ ލޮލުން ފާޅުވާކަމެއް ޚުދު މާޔަލްއަށް ވެސް ނޭނގޭ ކަހަލައެވެ.

"އައި އޭމް ހެޕީ." ތުންފިއްތާލާފައި މަޑުމަޑުން ދުރުކޮށްލުމާއެކު މާޔަލް ބުންޏެވެ.

"ތީ ދޮގެއް." އައިރިކް ވެސް ބުނެލީ މަޑުންނެވެ. އޭނާ މާޔަލްގެ ކޯތާފަތުގައި ކަނާއަތް ގެނެސް ޖައްސާލިއެވެ. މަޑުމަޑުން މާޔަލްގެ ކޯތާފަތުގައި އޭނާ ފިރުމާލިއެވެ.

"އަހަރެން މާޔާއަށް ވާހަކައެއް ކިޔައިދެންތަ. އޭރުން... އޭރުން މާޔާއަށް އެނގިދާނެ ލޯބިވުމަކީ ކޮބާކަން. ދެ މީހަކު ލޯބިވުމުން އެ ދެމެދުގައި ހިނގަނީ ކޮންކަހަލަ އިޙްސާސްތަކެއްކަން." އައިރިކްގެ މޫނު މާޔަލްއާ ކައިރިކޮށްލުމާއެކު ސިއްރެއް ބުނާން އުޅޭހާ މަޑުން ވާހަކަދެއްކިއެވެ.

މެންދުރު ކާން ގެންނަން އައިރިކް ނުބުނާކަން ފަޒްނާގެ ފަރާތުން ޝަބްނަމްއަށް އެނގުނެވެ. ހެނދުނުގެ ނާސްތާގައި ވެސް އައިރިކް ބައިވެރި ނުވާތީ މިއަދު އަދި އެއްފަހަރު ވެސް ޝަބްނަމްއަށް ދަރިފުޅު ފެނިނުލައެވެ. އައިރިކްގެ ޚަބަރެއް ނުވެގެން އުޅެނީ އޭނާ މަސައްކަތަށް ގެއްލިފައި އިނީމައޭ ޝަބްނަމް ލަފާކުރިއެވެ. އެހެންވެ އޭނާ އައީ އައިރިކްގެ ހާލު ދުށުމަށެވެ. މަންމައާއެކު މެންދުރުގެ ކެއުމުގައި ބައިވެރިވާން ދަޢުވަތުދޭން ޚިޔާލުކޮށްގެން ހުރެއެވެ. މާޔާ ބާރު އަޅައިފިނަމަ އައިރިކް އެއްބަސްވެދާނެކަމަށް ޝަބްނަމް އުންމީދުކުރިއެވެ.

ދޮރާ ހަމައަށް ނާދެވެނީސް ހުޅުވާފައި ހުރި ދޮރުގެ އެތެރޭގައި ހިނގަމުންދާ ކަންތަކުގެ މަންޒަރު ޝަބްނަމްގެ ލޮލަށް ފެނުނު ހިނދު އޭނާގެ ހިނގުން ހުއްޓުމަކަށް އަތުވެއްޖެއެވެ.

"ރިކް." މަޑުމަޑުން އެ ނަން ކިޔާލެވުނީ ޝަބްނަމްއަށް ޤަބޫލުކުރެވިފައި ހުރެއެވެ.

މާޔާގެ އަތުގައި ހިފާލައިގެން އައިރިކް އިނީ އޭނާއާ ނުހަނު ގާތުގައެވެ. މާޔާގެ ކޯތާފަތުގައި އެއްއަތްތިލަ ޖައްސާލައިގެންނެވެ. އައިރިކްގެ ނިތްކުރި ގެނެސް މާޔާގެ ނިތްކުރީގައި ޖައްސާލީ ޝަބްނަމް ބަލަން ހުއްޓައެވެ. ނުތަނަވަސްކަމެއް ހިތަށް ވެރިވީ ހިނދު އޭނާގެ ދެބުމަ ކައިރިވެ ނިތައް ރޫގިނަވެލައިފިއެވެ. މަޑުކޮށްގެން ނުހުރެ ޝަބްނަމް ވަގުތުން ހިނގައިގަތެވެ. ދޮރުމައްޗަށް ހުއްޓުމުގެ މާކުރީން އޭނާގެ ދަރިފުޅުގެ ހުސިޔާރުކަން ފެނުނެވެ. ފިޔަވަޅުގެ އަޑުން އޭނާ އަންނަކަން އައިރިކް ދެނެގެންފިއެވެ. އޭނާ މާޔާއާ ދުރަށް ޖެހުނެވެ. ދެމެދުގައި އެއްވެސް ކަމެއް ނުހިނގާ ފަދައެވެ. މާޔާ އިސްޖަހާލި ގޮތަށް އިނީއެވެ. ފެނުނު މަންޒަރާ މެދު ޝަބްނަމްއަށް ސުވާލުނުކޮށް ނުހުރެވޭނެއެވެ. އެކަމަކު އޭނާ އެ ވާހަކަ ދައްކަން ގަސްދުކުރަނީ ދަރިފުޅާއެކު އެކަނިވީމައެވެ. އެފަދަ ޖަޒުބާތީ އަސަރުތަކެއް އައިރިކްގެ ފުށުން ފާޅުވީތީ ޝަބްނަމް ހައިރާން ވެސް ވެއްޖެއެވެ. އައިރިކްއަށް އިޙްސާސްތައް ފާޅުކުރާން އެނގޭކަމާމެދު މީގެ ކުރީން ޝަބްނަމް ހުރީ ސުވާލު އުފެދިފައެވެ. ދެރަވުމާއި އުފާވުމާއި ހަމްދަރުދީވުން ފަދަ ޖަޒުބާތުތައް ފާޅުކުރާން ދަތިވާ ކުދީން ތިބޭއިރު ޝަބްނަމަ ހީކުރަމުން އައީ އައިރިކްއަކީ އެފަދަ އުނިކަމެއް ހުރި ކުއްޖެއްކަމުގައެވެ. ރުޅިގަދަވެގެން އައިރިކް އުޅޭތީ ވެސް ފެނުނީ އެކްސިޑެންޓްގެ ފަހުންނެވެ. އޭގެ ކުރީން އައިރިކްގެ ވަށައިގެން ވާތީ ފެންނަނީ ހިމޭންކަމެވެ.

"ރިކް... މަންމައޭ." ޝަބްނަމް އެތެރެއަށް ވަންނަމުން ބުނެލިއެވެ. އައިރިކް ތެދުވިއެވެ. މަންމަގެ ގާތަށް އޭނާ ހިނގައިގަތެވެ. އިސްޖެހިފައި އިން މާޔަލް ބަލާލިއެވެ. ޝަބްނަމްއާ ނަޒަރު ސީދާ ވެލުމުން ދެ މީހުން ވެސް ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"މިއަދު ސައިބޯން ވެސް ނާދޭ. މިވަގުތައް މަސައްކަތް ހުއްޓާލާފައި މާޔާ ގޮވައިގެން އަންނަންވީނު ކާން." ޝަބްނަމް ބުންޏެވެ. އަދި މާޔާއަށް ގޮވާލައި އައިރިކް ގޮވައިގެން އަންނަން ޝަބްނަމް ބުންޏެވެ.

* * * * *

މަލަކްގެ ވާހަކަ ދައްޔާނު ދައްކަމުން ދިޔައިރު މިއުވާނު އިނީ ފަރުވާތެރިކަމާއެކު އަޑު އަހާށެވެ. އޭނާ ދައްޔާނަށް ހަނދާންކޮށްދިނީ ހަޤީޤީ މަޤްޞަދު ހަނދާންނައްތާނުލުމަށެވެ. އާނއެކޭ ދައްޔާނު ބުންޏަސް ހިތުގައި ހިނގާ ޝުޢޫރުތައް ތަފާތެވެ. އޭނާގެ ލޯބި މަލަކް ޤަބޫލުކުރާނޭކަން ޔަގީންވިޔަސް ހިސާބަކަށް ދައްޔާނުގެ ހިތް އަވަސްވީކަން ގައިމެވެ. އަދި މަލަކްގެ ދުލުން އެކަމަށް އިއުތިރާފުވުމުން ވަކިން ބޮޑު އުފަލެއް ދައްޔާނަށް ލިބިއްޖެއެވެ.

"ތި ދަނީ އޭނާ ކައިރިއްތަ؟." މިއުވާނު އަހާލިއެވެ. ދައްޔާނު ނިކަން އަވަހަށް ހޫންއެކޭ ލައްވާލިއެވެ.

"ކިހާ ދުވަހެއް މިކަމުގައި ހޭދަކުރާން ޔާނު ވިސްނަނީ. ވީހާ އަވަހަކަށް ހުރިހާކަމެއް ނިންމުން ރަނގަޅު ގޮތަކީ." މިއުވާނު ޚިޔާލު ފާޅުކުރިއެވެ.

"އައި ނޯ." ދައްޔާނު ނިކަން އަވަހަށް އެއްބަސްވިއެވެ. ރާވާފައި އޮތް ގޮތަށް ހުރިހާކަމެއް ކުރިޔަށްދާނޭކަން ޔަގީންކުރާން ދައްޔާނަށް ދައްޗެވެ. އެހެންވިޔަސް އެކަން ބޭބެގެ ކުރިމަތީ އޭނާ ފާޅެއްނުކުރިއެވެ.

ގެއިން ނުކުމެ ޕާކުކޮށްފައި ހުރި ސައިކަލަށް ދައްޔާނު އެރިއެވެ. އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ. މަލަކް ގޮވައިގެން ދާނީ ކޮންތާކަށްކަން އޭނާގެ ސިކުނޑީގައި މިހާރު ވެސް ވަނީ ނިންމާފައެވެ. ކުރީން ނުވާނޭ ހީކުރެވުނަސް މިހާރު އޭނާއަށް ވިސްނުނީ މަލަކްގެ ހިތް ހޯދުމަކީ އުނދަގޫކަމެއް ނޫންކަމެވެ. (ނުނިމޭ)