މޯލްޑިވްސް ޕޮލިސް ސާވިސް

ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

Sep 1, 2022

ހުޅުމާލޭގެ ގާޒީ ސްކޫލުގެ ޓީޗަރަކު ދަރިވަރަކަށް ބަދުއަހްލާގީ އަމަލުތައް ފެންނަ ވީޑިއޯއެއް ދެއްކުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ޓީޗަރު ދިރިއުޅޭ ހުޅުމާލޭގެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ މީހާ ހުއްޓުވާ އޭނާއަށް ބަޔަކު އަނިޔާކުރި ފަހުން އެރޭގެ ވަގުތެއްގަ އެވެ. ޓީޗަރަށް އަނިޔާކުރި މީހުން ވަނީ އޭނާ ފަލީހަތްކުރަމުގެ ގޮތުން އޭނާ ލައިގެން ހުރި އެއްޗެހި ބާލުވާ، ގަންހިންގުވާ އަދި އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލްމީޑިއާގައި އެ ވީޑިއޯ އާންމުކޮށްފަ އެވެ.

ޓީޗަރު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ.

ޓީޗަރުގެ ބަންދަށް ދިން ފަސް ދުވަސް ހަމާވާތީ ބަންދުގެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލަ ފެންމަތިވުމާ އެކު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލަ ބަލައި ޓީޗަރަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެ އޭނާއަށް އަނިޔާކުރި މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.