ދިވެހި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުމެއް ދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބް ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތް ވަކި މަދަނީ ހިދުމަތެއްގެ ގޮތުގައި ފެށި ހިދުމަތް ދެމުންދާތާ 18 އަހަރު ފުރިފައިވާއިރު ފުލުހުންގެ ހިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ ފުލުހުން ވެސް ޕްރޮފެޝަނަލްކޮށް، ވީހާވެސް ރަނގަޅަށް އަދި ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދީގެން ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދިވެހި ފުލުހުން ބުރަ މަސައްކަތްތަކެއް މިވަގުތު ކުރަމުންދާ ކަމަށްވެސް ފާހަގަކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ ބައެއް މަސައްކަތްތައް ހިއްސާކުރެއްވި އެވެ.
ނައިބް ރައީސް އިތުރަށް ވިދާޅުވީ ގައުމު ތަރައްގީކުރުުމުގައި ހަމަޖެހުން ގާއިމުކޮށް ތަރައްގީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. އެހެންކަމުން އަމަން އަމާންކަން ގާއިމުކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މިޖަލްސާގައި ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކްތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރު މަގާމުގެ އާއްމު މުވައްޒަފުންނަށް ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ ސެޕްޓެމްބަރު 1، 2004 ގައެވެ.