މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށްލާފައިވަނިކޮށް ނަޖީބްގެ އަނބިކަނބަލުން ރޮސްމާ މަންސޫރްގެ މައްޗަށް ވެސް ކުށް ސާބިތު އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ރޮސްމާގެ މައްޗަށް އުފުލީ ރިޝްވަތަށް އެދުމާއި ރިޝްވަތު ގަބޫލުކުރުމުގެ ތިން ދައުވާ އެވެ. ދައުވާތައް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމުގެ އިތުރަށް 970 މިލިއަން ރިންގިޓުން ރޮސްމާ ޖޫރިމަނާ ކުރުމަށްވެސް މެލޭޝިއާގެ ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. ޖޫރިމަނާ ދެއްްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ 30 އަހަރަށް ޖަލު ހުކުމް ބޮޑުވެގެންދާނެ އެވެ.
އަގުބޮޑު ގަހަނާއަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރޮސްމާ އަށް ކުރާ އިތުރު 17 ދައުވާއެއް އަދިވެސް ކޯޓުގައި އެބައޮތެވެ. އޭނާ ފްރޭމްކޮށްފައިވާ ކަމަށް ވިދާޅުވެ ރޮސްމާ ވަނީ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކުރައްވާފަ އެވެ.
އުމުރުން 70 އަހަރުގެ ރޮސްމާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ސަރަވަކްގައި ހިންގި އަގުބޮޑު ސޯލާ އެނާޖީ މަޝްރޫއުގެ ތެރެއިން އެތައް މިލިއަން ރިންގިޓް (މެލޭޝިއާ ފައިސާ) ކޮރަޕްޝަންގެ ގޮތުގައި ހޯދާފައިވާތީ އެވެ.
ރޮސްމާގެ ފިރިކަލުން ނަޖީބު ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ސަރުކާރުގެ އިސްވެރިންގެ މެދުގައި ކޮރަޕްޝަނާއި އުސޫލުން ބޭރުން މަގާމުގެ ފައިދާ ނެގުން އޮތީ ހައްދުފަހަނަ އަޅާފަ އެވެ. އޭނާގެ ވެރިކަން 2018ގައި ވައްޓާލަން މެލެޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އިސްކޮށް ހުންވައި ކުރެއްވި މަސައްކަތުން ނަޖީބަށް ވަދެވަޑައިގަންނަވަން ޖެހުނި ޖަލަށެވެ.
މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކު "ވަންއެމްޑީބީ"ގެ ފޮރިން އިންވެސްޓްމަންޓު ޔުނިޓުން 10 މިލިއަން ޑޮލަރު ނަޖީބު ނެންގެވިކަން ފަޅާއަރައި 2020ގައި ކުރެވުނު ޝަރީއަތުން އޭނާއަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި އެއާއެކު 46.88 މިލިއަން ޑޮަލަރުން ޖޫރިމަނާކުރި އެވެ.