މެލޭޝިއާގެ ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ އަންވަރު އިބްރާހީމްގެ ޕަކަޓަން ހަރަޕަން ކޯލިޝަނުން މެލޭޝިއާގެ އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ނަގައިފި އެވެ.
މެލޭޝިއާގައި އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި އަންވަރުގެ ކޯލިޝަނުން ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 222 ގޮނޑީގެ ތެރެއިން 82 ގޮނޑި ކާމިޔާބުކޮށްފަ އެެވެ. މި ރޭހުގައި 73 ގޮނޑިއާ އެކު ދެވަނައިގައި އުޅެނީ ކުރީގެ ބޮޑުވަޒީރު މުހިޔުއްދީން ޔައްސިންގެ ކޯލިޝަން ޕެރިކަޓަން ނެސިއޮނަލް އެވެ.
މިހާރުގެ ބޮޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް ނިސްބަތްވާ ވެރިކަން ކުރާ ކޯލިޝަން ބަރިސަން ނެސިއޮނަލް އަށް އިންތިހާބުގައި ލިބުނީ އެންމެ 30 ގޮނޑި އެވެ. މި ކޯލިޝަނަކީ އިނގިރޭސީންގެ އިސްތިއުމާރުން މެލޭޝިއާއަށް މިނިވަންކަން ލިބުނުފަހުން އެގައުމުގެ ވެރިކަން 60 ވަރަކަށް އަހަރަކަށް ކޮށްފައިވާ ކޯލިޝަން އެކެވެ.
މެލޭޝިއާގެ ހުޅަނގު އުތުރުގައިވާ ލަންކާވީގާ ނެގުނު ވޯޓުގައި ފަސްވަނަ ލިބިވަޑައިގަތުމާ ގުޅިގެން އެ ގައުމުގައި މީގެކުރިން އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރު މަހާތިރު މުހައްމަދަށް ވަނީ އޭނާގެ ގޮނޑިވެސް ގެއްލިވަޑައިގެންފަ އެވެ. އުމުރުފުޅުން 97 އަހަރުގެ މަހާތިރުގެ އާ ޕާޓީއަށްވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެ އެވެ.
އިންތިހާބުގެ ނަތީޖާ އިން އެނގެނީ މަހާތިރުގެ ސިޔާސީ ދައުރު މިހާރު ނިމިފައިވާ ކަމަށް މެލޭޝިއާގެ އާންމުން ގަބޫލުކުރާ ކަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޯނިއޯ ސްޓޭޓުގެ ސަރަވަކްގައި ފެންބޮޑުވުމުގެ ސަބަބުން ވޯޓުލާ މީހުންނަށާއި، އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދަތިތަކެއް ކުރިމަތިވުމުން އެ ސަރަހައްދުގެ ވޯޓުލުން ވަނީ ފަސްކޮށްފަ އެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބިފައި ނުވާތީ އަންވަރަށް ވެސް ޖެހިވަޑައިގަންނަވާނީ ސަރުކާރެއް އެކުލަވާލުމަށް އެހެން ޕާޓީތަކާ މަޝްވަރާކުރައްވާށެވެ. މެލޭޝިއާގެ އިގްތިސާދީ ހާލަތު އަދި ސިޔާސީ މާހައުލު އޮތް ގޮތުން ކޮންމެ ބޭފުޅަކަށް ބޮޑުވަޒީރު ކަން ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރެއްވުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް މުރާސިލުން ބުނެ އެވެ.