އިމްރާން އަބްދުﷲ

އިންސާފު މަރުހަލާގެ ފުރަތަމަ ޒިންމާ އޮތީ ފުލުހުންނަށް: މިނިސްޓަރު

Sep 1, 2022

އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާ ކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާ ކަމަށާއ މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާ ބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅެމުންދާ ކަމަށެވެ. އަދި އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މަސައްކަތް ކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ނުވަތަ އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށެވެ.

މުޖުތަމައުގެ އަދުލުވެރިކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން މުޅި މުޖުތަމައަށް ކަށަވަރު ކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފު ކަމަށްވެސް ވިދާޅުވިއެވެ. މި ސަފުގައި ތިބޭ ކޮންމެ ފުލުހަކުވެސް އެ އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ އަދާކޮށް ދެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާ ކަމަށާއި އެ ޒިންމާއަށް ރައްކާތެރިވުމަކީ ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވައި ހިދުމަތް ރަނގަޅު ކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ހިދުމަތަށް އިހުތިރާމާއި ލޯބިކޮށް ގަދަރު ކުރުމަކީ މުޖުތަމައުގެ އަފުރާދުންގެ ޒިންމާއެއް ކަމަށެވެ. މި ހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާކަމަށް ވާނަމަ އެ މުޖުތަމައެއްގެ ތެރޭގައި އޮންނަން ޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަ ނުވާނެ ކަމަށް ވިދާޅުވި އެވެ.