ބޮލީވުޑް

"ލާލް ސިނގް ޗައްޑާ"ގެ 100 ކްރޯޑުގެ ގެއްލުން އާމިރު ބޮލުގައި އަޅައިފި

މި ހިނގާ 2022 ވަނަ އަހަރަކީ ބޮލީވުޑްގެ ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދާ އަހަރެކެވެ.

ތިއޭޓަރުތަކުގައި އަޅުވާ އަގުބޮޑު ފިލްމުތައް ބަލަން ވަންނަ މީހުން އިންތިހާއަށް މަދުވުމުން ފިލްމު އުފައްދަން ކުރި ޚަރަދު ވެސް ފޫނުބެއްދި ބޮޑެތި ގެއްލުމާ ކުރިމަތިވާތީ އެވެ.

ޝާހިދު ކަޕޫޜުގެ "ޖާޒީ"، ރަންވީރު ސިންގްގެ "83" އާއި "ޖަޔޭޝްބާއީ ޖޯރްދާރް"، އަދި އަކްޝޭ ކުމާރުގެ އަގުބޮޑު ގިނަ ފިލްމުތަކަކަށް މިއަހަރު ބޮޑު ނާކާމިޔާބީއެއް ވަނީ ކުރިމަތިވެފަ އެވެ.

މި ހުރިހާ ފިލްމަކަށް ވުރެ ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އަށެވެ. މިއީ އާމިރުގެ ފިލްމަކަށް ކުރިމަތިވެދާނެ ކަމަށް ކުރިން ހީކުރެވިފައި ނެތް ވަރުގެ ބޮޑު ނާކާމިޔާބެކެވެ.

މީގެ ކުރިން އާމިރުގެ ފިލްމެއްކަން އެނގޭއިރަށް ބެލުންތެރިން އެ ފިލްމެއް ބަލަން ސިނަމާތަކަށް ވަދެ އެވެ. ނަމަވެސް "ލާލް ސިންގް ޗައްޑާ" ބަލަން ސިނަމާތަކަށް ވަދެފައިވަނީ ވަރަށް މަދު ބައެކެވެ.

މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި އަގުބޮޑު ފިލްމަކަށް ވާތީ މަދުވެގެން 100 ކްރޯޑު ރުޕީސްގެ ގެއްލުމެއް މި ފިލްމަށް ވަނީ ވެފަ އެވެ.

މި ފިލްމަކީ އާމިރުގެ ހިތާ ގުޅިފައިވާ އޭނާގެ ހަތަރު އަހަރުގެ ބުރަ މަސައްކަތް އެކުލެވޭ ފިލްމަކަށް ވާތީ ފިލްމު ފްލޮޕްވުމުން އެންމެ ފުން އަސަރެއް ކޮށްފައިވަނީ ވެސް އާމިރަށެވެ. އެއާއެކު ފިލްމަށް ލިބުނު ގެއްލުން ޕްރޮޑީއުސަރުންގެ ބޮލަށް ޖެހުމުގެ ބަދަލުގައި އޭގެ ބަދަލު ޕްރޮޑިއުސަރުންނަށް ދޭން އާމިރު ނިންމާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

މި ފިލްމު ކުޅެން އާމިރު ޚާން 100 ކްރޯޑު ފީއެއް ނަގާފައިވާއިރު ފިލްމު ފްލޮޕްވުމާއެކު މި ފީ އަނބުރާ ޕްރޮޑިއުސަރުންނަށް ދޭން އާމިރު ނިންމީ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި "ލާލް ސިންގް ޗައްޑާ"ގައި އެކްޓްކުރުމުން އާމިރަށް ލިބެން ޖެހޭ 100 ކްރޯޑު ރުޕީސްގެ ފީ އޭނާ އެ ފިލްމުގެ ޕްރޮޑިސަރު ކަމަށްވާ ވައަކަމް 18 ސްޓޫޑިއޯޒް އިން ނަގައިފިނަމަ އެ ސްޓޫޑިއޯ އަށް 100 ކްރޯޑުގެ ގެއްލުމެއް ވާނެ އެވެ. އެހެންވެ މި ގެއްލުން ޕްރޮޑިއުސަރުންނަށް ވުމުގެ ބަދަލުގައި އޭނާ އެ ގެއްލުން ބޮލުގައި އަޅަން އާމިރު ނިންމީ އެވެ.

އާމިރު 100 ކްރޯޑުގެ ގެއްލުން ބޮލުގައި އެޅުމުން ދެން ޕްރޮޑިސަރުންނަށް ގެއްލުން ވާނީ ވަރަށް ކުޑަ އެއްޗެކެވެ.