ބިމުގެ ދަތިކަން ވަރަށް ބޮޑު ރަށެއް ކަމުގައިވާ ބ. ދަރަވަންދޫގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށުގައި ފްލެޓް އަޅަން ބޭނުންވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ދަރަވަންދޫގައި ފްލެޓް އަޅަން ބޭނުންވާތީ އެ ވާހަކަތައް ކައުންސިލުން ހިއްސާކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.
މިބައްދަލުވުމުގައި ދަރަވަންދޫގެ ބައެއް ކައުންސިލަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުން ބައިވެރިވި އެވެ. މިބައްދަލުކުރެއްވުމުގައި ދަރަވަންދޫގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ.
ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިހާރުވެސް ތަރައްގީގެ އެކި އެކި މަޝްރޫއުތައް އެކި މަރުހަލާގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށްދާ ގޮތުން ކަންބޮޑުވުންތައް ހުރިކަންވެސް ފާހަގަކުރެއްވެވި އެވެ. މިގޮތުން ދަރަވަންދޫގެ ބަނދަރާއި އެއާޕޯޓާ ދެމެދުގައިވާ ސަރަހައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރުކުރަން ބޭނުންވާ ކަމުގައި ވިދާޅުވި އެވެ. އަދި ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާ ކަމާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.
ކައުންސިލަރުން އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްގީއާއި ރަށްތަކަށް ބޭނުންވާ ހިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެެކެވެ. އަދި މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ސޯލިހަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރެއްވުމަަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަވަންދޫ އަކީ ބ. އަތޮޅުގެ އިގްތިސޯދަށް މުހިއްމު ރަށެއް ކަމަށެވެ. ޖަޒީރާ ތަރައްގީގައި ދަރަވަންދޫ އަކީ ނަމޫނާއެއް ފެންނާނެ ރަށެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.