ދުނިޔެ

އެމެރިކާއިން ޗައިނާއަށް ގޮންޖަހައި ޓައިވާނަށް 1.1 ބިލިަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޓައިވާނަށް 1.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފި ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ޓައިވާނަށް ވިއްކަން ހަމަޖެއްސި އަސްކަރީ ހަތިޔާރުގެ ތެރޭގައި ރާޑަރު ސިސްޓަމްތަކާއި ވަޔާއި ކަނޑުގައި ބޭނުންކުރެވޭ ޒާތުގެ މިސައިލް ހިމެނެ އެވެ.

އެމެރިކާ ބުނާ ގޮތުން ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެމެރިކާ އިސްވެ ކުރާ ވިޔަފާރިއެއް ނޫނެވެ. އެއީ ޓައިވާނުން އެދިގެން އެ ގައުމަށް ވިއްކަން ހަމަޖެއްސި އާލާތްތަކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓައިވާން ބުނާ ގޮތުން ޗައިނާ އޮތީ ކޮންމެ ވަގުތަކު ވެސް ޓައިވާނަށް އަރައިގަތުމަށް ތައްޔާރަށެވެ. ޓައިވާނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް ޗައިނާ ކަމަށް އެ ގައުމުން ބުނެ އެވެ.

ޓައިވާން ދިފާއުކޮށް ދިނުމަކީ އެމެރިކާ ގަބޫލުކުރާ ގޮތުގައި އެ ގައުމަށް އޮތް ވާޖިބެކެވެ. ޗައިނާއާ ކުރިމަތިލެވޭ ފެންވަރުގެ ގައުމަކަށް ޓައިވާން ހަދަން ބޭނުންވަނީ އެހެންވެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.

ޓައިވާނަށް ހަތިޔާރު ވިއްކުމަކީ ޗައިނާ ރުޅިގަދަވާނެ ކަމެއްކަން އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އެހެން ނަމަވެސް، ޓައިވާނަށް ހަތިޔާރު ވިއްކުމުގައި އެމެރިކާއަށް އޮތް ފައިދާ އަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ދައުރު ހަނިކުރުމެވެ.

އެމެރިކާގެ ވިސްނުމަކީ އެމެރިކާ ބުނާހާ ގޮތެއް ޓައިވާން ހެދުމެވެ. ޓައިވާން އާއި ޖަޕާން އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި އެމެރިކާ އެދޭ ގޮތަށް އަސްކަރީ ގާބިލުކަން އަތުރާލެވުމުން ޗައިނާ އާއި ނޯތު ކޮރެއާއަށް ގަދަ ނުދެއްކޭނަކަން އެމެރިކާއަށް އެނގެ އެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާނަށް ހަތިޔާރު ވިއްކުމަކީ އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ބުރޫއަރާނެ ކަމެވެ. ޓައިވާނަށް ކިތަންމެ ވަރަކަށް ހަތިޔާރު ވިއްކި ނަމަވެސް ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ މަސްހަލަތު އަމާން ނުވާނެ ކަމަށްވެސް ޗައިނާ ބުނެ އެވެ.

އެމެރިކާ އާއި ޗައިނާގެ ގުޅުން މިފަހުން ވަނީ ވަރަށް ގޯސްވެފަ އެވެ. އެއީ ޓައިވާންއާ މެދު އެމެރިކާ އަމަލުކުރާ ގޮތުންނެވެ.

ޓައިވާން އަކީ އެމެރިކާއާ ގުޅުމެއް އޮތް ތަނެއް ނޫންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ޗައިނާ ބުނެ އެވެ.

ވަން ޗައިނާ ޕޮލިސީއަށް ގަދަރުކުރާ ކަމަށް އެމެރިކާ ބުނާއިރު އަމަލީ ގޮތުން އެ ސިޔާސަތަށް ތާއީދުކުރާ ތަން ނުފެންނަ ކަމަށްވެސް ޗައިނާ ބުނެ އެވެ.

ޗައިނާ ދެކޭ ގޮތުގައި ޓައިވާން އަކީ ވަކިން އޮތް އެ ޗައިނާގެ އަވަށެކެވެ. ޓައިވާން ލޭއޮހޮރުވުމަކާ ނުލައި ޗައިނާއާ އެއްކޮށްލުމަކީ ކުރާނެ ކަމެއް ކަމަށް ވެސް ޗައިނާ އޮތީ ބުނެފަ އެވެ.