ލައިފްސްޓައިލް

ބައްޕަ ފަސްވަނަ ކައިވެނި ކުރަނިކޮށް ހަތް ދަރިން އައިސް ހަމަނުޖެހުން ހިންގައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފިރިހެނަކު ފަސްވަނަ ފަހަރަށް ކައިވެނި ކުރަނިކޮށް އޭނާގެ ދެވަނަ އަނބިމީހާ އާއި އެމީހުންގެ ހަތް ދަރިން އެތަނަށް ގޮސް ބޮޑު ހަމަނުޖެހުމެއް ހިންގައިފި އެވެ.

އުމުރުން 55 އަހަރުގެ ޝާފީ އަހްމަދުގެ ހަތަރު އަނބިން ތިބެ އެވެ. ނަމަވެސް ހަމަނުޖެހުން ހިންގި ދެވަނަ އަނބިމީހާ އާއި ޝާފީގެ ގުޅުން މާ ކުރިއްސުރެ އޮތީ ކެނޑިފަ އެވެ. ނަމަވެސް އޭނާ ވެސް ވަރިކޮށްފައެއް ނުވެ އެވެ.

ހަމަނުޖެހުން ހިންގީ ޝާފީ ފަސްވަނަ މީހަކާ ކައިވެނިކުރަން އުޅޭކަން ދެވަނަ އަންބަށް އެނގިގެން އެ ދެ މީހުންނަށް ލިބިފައިވާ ހަތް ދަރިން ގޮވައިގެން އެ ތަނަށް ގޮސްގެންނެވެ.

މި މީހާއާ ކައިވެނި ކުރުމަށްޓަކައި ޝާފީ ވަނީ އޭނާގެ އަނެއް ތިން އަނބިން އުމުރާ އަކަށް ފޮނުވާލާފަ އެވެ.

އިސްލާމް ދީނުގައި ހުއްދައީ ފިރިހެނަކަށް ހަތަރު އަނބިން ނަމަވެސް ފިިރިމީހާ އޭނާ ވަރިނުކޮށް ފަސްވަނަ ކައިވެނިކުރަން އުޅުމުން ދެވަނަ އަނބި ރުޅިގަދަވީ އެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ދަނިކޮށް ޝާފީގެ ދެވަނަ އަންބާއި ހަތް ދަރިން އެތަނަށް އައުމުން ކައިވެނިކުރާ އަންހެން މީހާގެ އާއިލާގެ މީހުން ރުޅިގަދަވެ މި މީހުންނާ ދިމާކޮށްލި އެވެ. އަދި އިސާހިތަކު އެކަކު އަނެކަކަށް ހަމަލަދީ ހަމަނުޖެހުން ހިންގަން ފެށި އެވެ.

ޝާފީގެ ހަތް ދަރިން ބުނި ގޮތުގައި އެ މީހުންގެ ބައްޕަ އެމީހުންނަށް އެއްގޮތަކަށް ވެސް ހަރަދެއް ނުކުރެ އެވެ. އެހެންވެ ވަރަށް ދަތި ހާލުގައި އުޅެމުން ދަނިކޮށް ބައްޕަ ފަސްވަނަ ކައިވެންޏެއް ކުރަން އުޅޭ ހަބަރު ލިބުމުން އެތަނަށް އައީ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ ޝާފީގެ ދަރިންނެވެ. އަދި ފުލުހުން އައިސް ޝާފީ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށާއި އޭގެ ކުރިން ކައިވެނިކުރަން އުޅުނު އަންހެން މީހާ ފިލާ ރައްކާވެއްޖެ ކަމަށެވެ.