ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކޮށްފި

Sep 3, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށާއި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު އިންޓާންޝިޕްގެ ހަތަރު ވަނަ ބުރެއް ފަށައިފި އެވެ.

ބާރަ މަސް ދުވަހަށް ބަހާލާފައިވާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ އެވެ.

މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ބޭންކުން ކަނޑައަޅާފައި ހުރެ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް ދޭ އިނާޔަތަކީ ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތް ކަމަށެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމް ފޯރުކޯށްދޭ އިިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދޭނެ ކަމަށެވެ. މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ޕްރޮގްރާމު ނިންމި ފަރާތްތަކުގެ ތެރެއިން 80 ޕަސަންޓަށް ވުރެ ގިނަ ފަރާތްތަކަށް ބީއެމްއެލް އާއި އެހެނިހެން މުއައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތް ކުރަމުން ދާނަން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިފައިވެ އެވެ.