ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ޖުލައި މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ސަރުކާރުން ދީފި އެވެ.
ސަރުކާރުގެ އެހީ ހަމަޖައްސާފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) މެދުވެރިކޮށެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ޖުލައި ވިއްސާރައިގައި 10 ރަށަކުން ގެއްލުންވެގެން ހުށަހެޅިއިރު ނުވަ ރަށަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
ގެއްލުން ލިބިގެން ރިޕޯޓް ކުރި ރަށްތައް
- ހދ. ވައިކަރަދޫ
- ށ. ބިލަތްފަހި
- ށ. ފުނަދޫ
- ތ. ތިމަރަފުށި
- ގދ. ހޯޑެއްދޫ
- ގދ. ފިޔޯރީ
- ގދ. ރަތަފަންދޫ
- ސ. މަރަދޫ
- ސ. މަރަދޫ ފޭދޫ
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގެއްލުން ރިޕޯޓް ކުރި ރަށްތަކުގެ ތެރެއިން ގޭބިސީ ފެންވަރުގައި ގެއްލުންތައް ކުރިމަތިވި ރަށްތަކުގައި އެސެސްމަންޓް ހަދާފައިވަނީ 277 ގެއެއްގަ އެވެ. އަދި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާ ކަން އެސެސްމަންޓުން ދައްކާ 131 ގެ ހުރި ކަމަށްވެސް ހާމަކޮށްފައިވެ އެވެ.
ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި ދީފައިވަނީ 294،562.60 ރުފިޔާ އެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި ދީފައިވަނީ 961،725 ރުފިޔާ އެވެ.
ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް ބަދަލު ދިން އިރު ދަނޑުބިންތަކަށް ގެއްލުންވުމުން ބައެއް ދަނޑުތަކަށްވެސް ގެއްލުމުގެ ބަދަލުދީފައިވެ އެވެ. އެގޮތުން އަށް ދަނޑެއްގެ ވެރިންނަށް ބަދަލު ދީފައިވެ އެވެ.
ލިބުނު ގެއްލުންތަކުގެ ބައެއް ތަފްސީލްތަކަށް ބަލާއިރު ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 10 ޕަސަންޓް ގޭގެ ފުރާޅު އެއްލާލައިފައިވެ އެވެ. ދެ ޕަސަންޓް ގޭގައި ކަަރަންޓް ވައިރިން މައްސަލަ ޖެހުނުއިރު 32 ޕަސަންޓް ގެތަކުގައި ފާހާނާ މައްސަލަ ޖެހުނެވެ. މީގެއިތުރުން 34 ޕަސަންޓް ގޭގެ ފާރުތަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުއިރު 22 ޕަސަންޓް ގޭގައި ތަޅުންގަނޑު ވަނީ ހަލާކުވެފަ އެވެ.
ކޮންމެ އަހަރަކުވެސް ޖޫން ޖުލައިގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ރަށްރަށަށް އުދައަރާތީ އާއި ފެންބޮޑުވާތީ މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.