ލައިފްސްޓައިލް

ޚަބަރު ކިޔަނިކޮށް އަނގަޔަށް ވަން މެއްސެއް ދިރުވާލައިފި

ކެނެޑާގެ އަންހެން ޖާނަލިސްޓަކު ލައިވް ޓީވީގައި ޚަބަރު ކިޔަން އިންދާ އަނގަޔަށް ވަން މެއްސެއް އެކްސިޑެންޓަކުން ދިރުވާލެވިއްޖެ އެވެ.

ކެނެޑާގެ ގްލޯބަލް ނިއުސްގެ އެންކަރު ފަރާ ނާސިރު އޭރު ކިޔަމުން ދިޔައީ ޕާކިސްތާނުގައި ފެންބޮޑުވި ހާދިސާގެ ޚަބަރެކެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑީއޯގައި ފެންނަނީ ފަރާ ޚަބަރު ކިޔަން އިނދެފައި ދެ ސިކުންތެއްހާއިރަށް އަނގަ ލައްޕާލާ ތަނެވެ. އެއީ އޭނާގެ އަނގަޔަށް ވަން މެހި ދިރުވާލެވުނީ ކަން އެނގިގެން އޭނާއަށް ބޭއިޚްތިޔާރުގައި ކުރެވުނު ކަމެއް ނަމަވެސް އެކަން އެނގޭ ކަމަށް ނުހަދައި ޚަބަރު ކިޔުމައިގެން ކުރިޔަސް ގޮސް އެ ސެގްމެންޓް ނިންމާލިތަން މި ވީޑީއޯގައި ފެނެ އެވެ.

މި ވީޑިއޯ ޓުވިޓާގައި ޝެއާ ކޮށްފައިވަނީ ވެސް ޚުދް ފަރާ އެވެ.

ފަރާގެ ޓުވީޓުގައި ބުނި ގޮތުގައި މިއީ އެންމެން ހެއްވާލާނެ މަޖާ ކަމަކަށް ވާތީ މި ވީޑީއޯ ޝެއާ ކޮށްލީ އެވެ. އަދި އޭނާއަށް ހަގީގަތުގައި ވެސް މެއްސެއް ދިރުވާލެވުނު ކަމަށް ފަރާ ބުންޏެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޑޮގް ފޯޑް ކިޔާ ޓީވީ ޕްރެޒެންޓަރަކަށް ވެސް މިފަދަ ކަމެއް ދިމާވި އެވެ. އޭނާ ލައިވް ޕްރޮގްރާމެއް ހުށަހަޅަމުން ދަނިކޮށް އަނގަޔަށް ވަން ކުޅަދުރެއް ދިރުވާލެވުނީ އެވެ.

ފަރާ އަމިއްލައަށް އޭނާއަށް މެހި ދިރުވާލެވުނު ވީޑީއޯ ޝެއާކޮށް އެއީ މަޖާ ކަމަކަށް ހެދުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފަރާގެ ހިތްވަރާއި ކެރުމަށް ތައުރީފުކޮށްފަ އެވެ. އަދި އަނގަޔަށް މެހި ވަދެ އަދި އޭތި އޮޅިގެން ދިރުވާލެވުމުން ފަރާ ކަންތައް ކުރި ގޮތުން ޚަބަރު ޕްރެޒެންޓްކުރުމުގައި އޭނާގެ ހުރި ގާބިލްކަމާއި ކުޅަދާނަކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ފަރާ އަށް ތައުރީފުކުރި މީހުން ބުނެފައި ވެއެވެ.