( 1 ސެޕްޓެމްބަރ 2022 އާ ގުޅޭ )
ގެއިން ނުކުމެ ޕާކުކޮށްފައި ހުރި ސައިކަލަށް ދައްޔާނު އެރިއެވެ. އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ. މަލަކް ގޮވައިގެން ދާނީ ކޮންތާކަށްކަން އޭނާގެ ސިކުނޑީގައި މިހާރު ވެސް ވަނީ ނިންމާފައެވެ. ކުރީން ނުވާނޭ ހީކުރެވުނަސް މިހާރު އޭނާއަށް ވިސްނުނީ މަލަކްގެ ހިތް ހޯދުމަކީ އުނދަގޫކަމެއް ނޫންކަމެވެ.
ހުޅުވުނު ލިފްޓުން މަލަކް ނުކުތެވެ. ތަނބުގައި ލެނގިލައިގެން ހުރި ދައްޔާނު އެނބުރިލިއެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވުމާއެކު ފުޅާ ހިނިތުންވުމަކުން ސަލާމްކޮށްލިއެވެ. ދުވެލާފައި މަލަކް އައިސް ދައްޔާނުގެ ކައިރީ މަޑުކޮށްލިއެވެ.
"ވާރޭ ވެހެނީތަ؟." ފޫހިކަމެއްގެ އަސަރު މަލަކްގެ އަޑުގައި ވިއެވެ.
އޭނާއަށް ވިއްސާރަ ދުވަސްތައް ކަމުނުދަނީއެއް ނޫނެވެ. ވާރޭ ވެހޭ ދުވަހެއްނަމަ ދެ މީހުން ބައްދަލުވާން ހުރަސް އެޅެނީއެވެ. ސައިކަލުގައި ދައްޔާނާއެކީ ދުއްވާލަން ދާހިތްވިޔަސް އެކަމެއް ވެސް ނުވެއެވެ. ފޯނުން ނޫން ގޮތަކަށް ދެ މީހުންނަށް ބައްދަލެއް ނުވެއެވެ. ދައްތަގެ އެކްސިޑެންޓަށްފަހު ގޭގައި އޮންނަ ކާރުގައި ދަތުރުކުރަނީ ހަމައެކަނި ބައްޕައެވެ. އެހެންނޫންނަމަ ކާރުގައި މަލަކްއަށް ދަތުރުކުރެވުނީހެވެ.
"ނޭނގެ ދޯ ހުއްޓާލާނޭ އިރެއް ވެސް." މަގުމައްޗަށް ބަލަން ހުރެ މަލަކް ބުންޏެވެ.
"ނަސީބެއް އާދެވުނުކަން. މަލް ކައިރީ މިގޮތަށް ވާރޭގަ ތާށިވެފައި ހުންނަން ޖެހުނަސް އޯކޭ." ލޯބިވެތި ހިނިތުންވުމެއް ދީގެން ހުރެ ދައްޔާނު ވާހަކަދެއްކިއެވެ. މަލަކްގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ދެ އަތުގެ އިނގިލިތައް މަހާލެވިގެންދިޔައެވެ.
"ކައިރީގަ ހުރި ކެފޭއަށް ދަމާ. ހިނގާލާފަ ދާނީ. އެހިސާބަށް ދާންވާއިރަށް ނުތެމޭނެ." ދައްޔާނު ޚިޔާލު ފާޅުކުރިއެވެ.
ދެ ޒުވާނުން އެކުގައި މަގުމައްޗަށް ނުކުތެވެ. ވާރޭ ބޯނުކުރިޔަސް ވައިގަދަކަމުން ދެ މީހުން ވެސް ކެފޭއާ ހަމައަށް ދެވުނުއިރު ތެމިއްޖެއެވެ. ދައްޔާނު އަތުން މޫނު ފުހެލުމާއެކު އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ރީތިކޮށްލިއެވެ. މަލަކް ލައިގެން ހުރި ޓީޝާޓުކޮޅަށް ދަމާލިއެވެ. ވިއްސާރަވުމުން ކެފޭގެ މޭޒުތައް އޮތީ ހުސްކޮށެވެ. އެމީހުން ޚިޔާރުކުރީ މަގުމަތި ފެންނަ ގޮތަށް ހުރި ކުޑަދޮރުގެ ކައިރިން މޭޒެކެވެ. ކައުންޓަރު ދޮށުގައި އުޅުނު ދެ ކުދީން ކުރެ އެއް ކުއްޖަކު އެމީހުންގެ އޯޑަރު ނަގަން އައެވެ. ދެ ޒުވާނުން ވެސް ގަސްދުކުރީ ހޫނު ކޮފީއެއް ބޯލުމަށެވެ.
* * * * *
ކޮށިއެރުމާއެކު ނީޒާގެ އަތުގައި ހުރި ކޮފީޖޯޑު މޭޒުމަތީ ބަހައްޓާލެވުނެވެ. އެއްފަރާތުގައި ހުރި ޓިޝޫއެތިން ދެތިން ޓިޝޫ ރިއާ ދަމައިގަތެވެ. އަވަހަށް އެކުވެރިޔާއަށް ދިއްކޮށްލިއެވެ. ނީޒާ އަނގަމަތި ސާފުކުރިއެވެ. ދެން ރިއާއާ ދިމާއަށް އޭނާ ބަލާލީ ދެ ލޯ ބޮޑުކޮށްލައިގެން އިނދެއެވެ.
"އާ ޔޫ ޝުއާ." ނީޒާ އަހާލިއެވެ. ނިކަން އަވަހަށް ރިއާ ބޯޖަހާލިއެވެ.
"ޕޮޒިޓިވް. ބްލަޑް ވެސް. މިއޮތީ މިކަން ވެސް ވެފަ. އެކަމް އަދި އައިތަން ކައިރީ ނުބުނަން. މިރޭ ބުނާނީ." ހިނިއައިސްފަ އިނދެ ރިއާ ބުންޏެވެ.
"ކޮންގްރާ." ނީޒާގެ މޫނުގައިވީ އަސަރުތައް އުފާވެރިކަމަށް ބަދަލުވިއެވެ. ފުޅާ ހިނިތުންވުމަކާއެކު މޭޒުމަތީ ބާއްވާލައިގެން އިން ރިއާގެ އަތްތިލައިގަ ނީޒާ ހިފައި ބާރުކޮށްލިއެވެ.
"އެކަމަކު ދެން ވާނެ ގޮތަކާމެދު ވަރަށް ވޮރީވޭ. އައިތަން ރުއްސަން ހަދައިގެން އަހަރެންގެ ސިފަ ގެއްލިދާނެތީ." ރިއާ ބުންޏެވެ.
"ނުގެއްލޭނެ. ތީ މާ ކުރީގެ ވިސްނުމެއް. ކިތައް ހޮޓް މާމްސް މިތާ ވެސް އެބައުޅޭ. ޕާސަނަލް ޓްރެއިނާއެއް ނަގަނިކޮށް ހަށިގަނޑު ކުރީން ހުރިހެން އެމީހުން ބަދަލުކޮށްލަ ދޭނެ. އަނެއްކާ ސްޓްރެޗް މާކްސް ހުންނާނެތީ ހާސްވާކަށް ނުޖެހޭނެ. އަހަރެންގެ ކަޒިން ބިންޏާ ދުށީމެންނު. އޭނާ ވިހަންވީއިރު ވެސް ބަނޑުގަ ކީއްކުރަން، ގައިގަ ތަނެއްގާ ވެސް ސްޓްރެޗް މާކެއްނެތް. އައިތަންއަކީ ރިއާ ބޭނުން ކޮންމެ އެއްޗެއް ހޯދާދެވޭވަރުގެ ފިރިއެއް. ކޮންކަމަކާ ހާސްވާންވީ." ނީޒާގެ ވާހަކަތަކުން ރިއާގެ ނުތަނަވަސްކަން ކުޑަވިއެވެ.
ބަނޑުބޮޑުވާން ރިއާ ގަސްދުކުރީ ފިރިމީހާއާ އެކަމާ މަޝްވަރާ ކުރުމެއްނެތިއެވެ. އޭނާއާއެކު ދަރިއެއް ހޯދަން އައިތަން ތައްޔާރުނޫންކަން އެނގެއެވެ. ރިއާގެ ހިތުން އޭނާ ރައްކާތެރި މިކުރީ އޭނާގެ މުސްތަޤްބަލެވެ. އޭނާ އުޅެމުން އަންނަ އަރާމު ދިރިއުޅުމެވެ. މިހާރު ރިއާ ދޫކޮށްލާފައި ދާން ބޭނުންވިޔަސް އައިތަން އެ ނިންމުމާމެދު ހާސްފަހަރު ވިސްނަން މަޖުބޫރުވާނޭކަން ޔަގީނެވެ.
މައްސަރު ކަންތައް ލަސްވުން ނޫން އިތުރު ބަދަލެއް ރިއާއަކަށް ނާދެއެވެ. ލޭ ނުފެނި ހަފްތާއެއް ފާއިތުވުމުން ރިއާ ފުރަތަމަ ޓެސްޓު ކުރީ ގޭގައެވެ. ފުރަތަމަ ގޭގައި ހެދި ދެ ޓެސްޓު ވެސް ނައްސިވީއެވެ. ދެވަނަ ހަފްތާގައި ކިރިޔާ އެނގޭވަރުވީއެވެ. ނަމަވެސް އޭނާ އިތުރަށް މަޑުނުކޮށް ޑަކްޓަރަށް ދެއްކީ ބަނޑުބޮޑުކަން ޔަގީންކުރެވޭ ވަރުންނެވެ. ލޭގެ ރިޕޯޓް ނަގަން ދިޔައީ ރޭގައެވެ. އެ ހުރިހާ ކަމެއް އަމިއްލައަށް ކުރީ ޔަގީންނުވަނީސް އައިތަންއަށް އަންގަން ރިއާ ބޭނުންނުވާތީއެވެ. އޭގެ ދެ މީހުން ކައިވެނި ކުރިތާ ދެވަނަ މަހު ރިއާ ބަނޑުބޮޑުހެން ހީވޭގެން ޓެސްޓުކުރީ އައިތަންއަށް ވެސް އެނގިހުރެއެވެ. އެހާ އަވަހަށް ދަރިއަކު ބޭނުންނުވާކަން އައިތަން ހާމަކުރީ އޭރުއެވެ. އެފަހަރު ރިއާ ބަނޑުބޮޑު ނޫންކަން އެނގުމުން ދެމަފިރިން ވެސް ރައްކާތެރި ފިޔަވަޅު އަޅާން އަވަސްވިއެވެ. އޭގެ ފަހުން އައިތަން ވެސް އުޅެނީ ނުލާހިކު ބަލައިގެންނެވެ. އެހެންވިޔަސް ރިއާ ފުރުޞަތު ހޯދީއެވެ. ފިރިމީހާގެ ގޮތް އޭނާއަށް އެނގޭތީއެވެ.
އޮފީސް ގަޑި ނިންމާފައި ރިއާ ނުކުތެވެ. ދުވާރުކައިރީ ތަންކޮޅެއް ދުރުގައި އޮތް ކާރު ފެނުނެވެ. ރިއާ އައިސް އެރީ އެ ކާރުގެ ކުރިއަށެވެ. ކާރު ދުއްވަން އިނީ އައިތަންއެވެ.
"ހާދަ ހިނިއައިސްފަ." ރިއާގެ މޫނުން ތަފާތު އުފާވެރިކަމެއް ފާޅުވާތީ އައިތަންއަށް ސުވާލުކޮށްލެވުނެވެ.
"އައި ލަވް ޔޫ." ރިއާ ކުއްލިއަކަށް އައިތަންގެ ގައިގާ ބައްދާލިއެވެ.
"ކެއާފުލް. ކާރު ދުއްވަން އިންދާ ތިކަހަލަ ކަންތައް ކުރީމަ." އައިތަންއަށް ބުނެވުނެވެ. ރިއާ ދުރަށް ޖެހިލައި ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ފިރިމީހާއަށް ބަލަން އިނީ ލޯބިވެތި ނަޒަރަކުންނެވެ. އަނބިމީހާގެ ފުށުން ފެންނަމުން ދިޔަ މާނަވީ ހިނިތުންވުން ދޭހަކުރާން އައިތަންއަކަށް ނޭނގުނެވެ. އޭނާގެ ތުނބުޅީގައި ރިއާ ފިރުމާލިއެވެ.
"އައި ލަވް ޔޫ." ފިރިމީހާގެ ފަރާތުން ޖަވާބެއް ނައުމުން އަނެއްކާ ވެސް ރިއާ ތަކުރާރުކޮށްލިއެވެ. އެއާއެކު ހަމަ އެފަދައިން އައިތަން ޖަވާބު ދިނެވެ.
"ޕްރޮމޯޝަންއެއް ލިބެން އޮތީތަ." އައިތަންއަށް އަހާލެވުނެވެ. އޮފީހުގައި މިއަދު ރިއާ އުފާވާ ކަހަލަ ކަމެއް ހިނގައިކަމުގައި އައިތަން ލަފާކުރިއެވެ.
"ގެއަށް ދެވެންދެން މަޑުކުރޭ." ރިއާ މިހެން ބުނީ ހިނިއައިސްފައި އިނދެއެވެ.
"މިހާރު ބުނިއްޔާ ކީއްވާނީ." އައިތަން ކެތްމަދުވިއެވެ.
އަވަސްއަވަހަށް ރުޅި އަންނަ އަނބިމީހާ ބަދަލުވެދާނޭ އައިތަން ހިޔެއް ނުކުރެއެވެ. އެހެންވިޔަސް އޭނާ އެނބުރި ރިއާގެ ގާތަށް އައިފަހުން ދެބަސްވުމެއް އެ ދެމެދުގައި ނުހިނގައެވެ. އުޅޭތަން ގޮނޑުކޮށްފައެއް ރިއާ ނުބާއްވައެވެ. އައިތަންގެ ހެދުންތައް ދޮވެ އިސްތިރިކޮށްދެއެވެ. ވަގުތު ހޯދައިގެން ހަފްތާގެ އެއް ދުވަހު ވިޔަސް އޭނާ ގޭގައި އަމިއްލައަށް ކާއެއްޗެއް ތައްޔާރުކުރެއެވެ. ރިއާ ބަދަލުވާން މަސައްކަތްކުރާކަން އެނގޭތީ އައިތަން ވެސް ހުރީ ހިތްހަމަޖެހިފައެވެ. އޭނާގެ ފަރާތުން ރިއާއަށް ހިތްވަރުދީ އެހީތެރިވެދެއެވެ. އަނބިމީހާއާ މެދު ހިތުގައި ކިލަނބުކަމެއް އުފެދުނު ނަމަވެސް މިހާރު އެކަމުގެ އަސަރު ފިލައިފިއެވެ. ރިއާއާއެކު ވަގުތު ހޭދަކުރާން އައިތަން ވަގުތު ހުސްކުރެއެވެ. އެހެންވިޔަސް މީ އޭނާ އަނބިމީހާއަށް ދިން ދެވަނަ ފުރުޞަތެއްކަން ހަނދާނެއް ނުނެތެއެވެ.
* * * * *
އޮފީސް ނިންމާފައި ނުކުތީސުރެ މިއުވާނަށް މީހަކު ފާރަލާހެން ހީވަނީއެވެ. އޭނާ ދެ ފަހަރު ފަސްއެނބުރި ބަލާ ވެސް ލައިފިއެވެ. ނަމަވެސް ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ. މަގު ހިނގާމީހުންނާއި ދުއްވާ އެއްޗެހި އެހާ ގިނައެވެ. ދަންނަ މޫނެއް ނުފެނެއެވެ. ފާހަގަވާނީ އެހެންނަމަތާއެވެ. މިއަދު އޭނާގެ ސައިކަލު ވެސް ވީ ގަރާޖަށް ލާފައެވެ. ހެނދުނު އޮފީހަށް އައީ ދައްޔާނުގެ ސައިކަލު ފަހަތުއެވެ. ނިންމާފައި އޮފީސް މީހަކާއެކު ދާން އުޅެފައި ވެސް މިއުވާނުގެ ޚިޔާލު ބަދަލުވީއެވެ. އެކަމާ މިހާރު އޭނާ ދެރަވެއެވެ. އޭނާ ދާންއޮތީ ހުޅުމާލެއަށެވެ. ވަކި ހިސާބަކުން މިއުވާނު މަޑުކުރީއެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވާ އެއަށް އޭނާ އެރިއެވެ.
ކަންފަތުގައި ޖަހާފައިވާ އެއަޕޮޑުން ވާހަކަދައްކާ އަޑު އަހަން ހުރި ޒުވާނާ މަޑުކުރިއެވެ. އޭނާގެ ކައިރިއަށް އެވަގުތު ސައިކަލެއް މަޑުކޮށްލިއެވެ. ސައިކަލުގައި އިން މީހާގެ ފަހަތަށް އެ ޒުވާނާ އެރިއެވެ. އެއާއެކު ދެ ޒުވާނުން ސައިކަލުގައި މިސްރާބު ޖެހީ މިއުވާނު އެރި ޓެކްސީގެ ފަހަތުންނެވެ. އޭރު އެމީހުންނަށް ގުޅައިގެން ހުރި މީހާގެ ފަރާތުން އިރުޝާދުތައް ލިބެމުންދިޔައެވެ. ޓެކްސީ ހުރީ ހުޅުމާލެއާ ދިމާއަށްކަން އެނގުމުން އެކަން އެތަނުން އެކަކު އެންގިއެވެ. އެއަށްފަހު ޓެކްސީގެ ފޮޓޯއަކާއި އޭގެ ނަންބަރު އޭނާގެ ފޯނުން ފޮނުވިއެވެ. ހުޅުމާލެއަށް ދާން އޮތް ބުރިޖާ ހަމައަށް ޓެކްސީގެ ފަހަތުން އެ ދެ މީހުން ސައިކަލުގައި އައެވެ. އެ ދެމީހުންނަށް އިރުޝާދު ދެމުންދިޔަ މީހާގެ އެންގުމަށް ޓެކްސީއަށް ފާރަލުން ދޫކޮށްލީ އެހިސާބުންނެވެ. އެމީހުންނަށް އެނގެނީ އެހިސާބުން އެމީހުންގެ މަސައްކަތް ނިމުނީކަމެވެ. ނަމަވެސް އެ ޓެކްސީގައި އިން ޒުވާނާއަށް ސަލާމަތެއްނެތެވެ. އެމީހުންގެ ވެރިޔާ އެ ޒުވާނާގެ ހަރަކާތްތައް ބަލަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.
* * * * *
އަޒީޒާގެ ޢާއިލާއާއެކު އިނާޔާ އިންޑިއާއަށް ފުރީ ކުއްލިއަކަށެވެ. ދެކޮޅު ޓިކެޓާއި ހުރުން އޭނާއަށް ހަމަޖައްސައިދިނީ އަޒީޒާއެވެ. މަމްދޫހުއާއި ރަޒާ ގާތު ކިޔައިގެން އިނާޔާ ދިޔައީ ފަސް ސަތޭކަ ޑޮލަރު ހޯދައިގެންނެވެ. އޭނާ ފުރައިގެން ދިޔަތާ ދެ ދުވަސްވެއްޖެއެވެ. ރީނާ ބަލިވެގެން އުޅޭކަން އިނާޔާއަށް އެނގެއެވެ. އެކުއްޖާ މަންމަ ގާތު ޑަކްޓަރަށް ދައްކަންދާން އެދުނެވެ. އެކަނި ގޮސް ދައްކާލަން އިނާޔާ ބުނުމުން ރީނާ ވެސް ފަރުވާކުޑަވީއެވެ.
"ރީނާ ދުށީންތަ؟." ގޭތެރެ ފޮޅަން ހުރި ލިޔުޝާ އަހާލީ ކޮޓަރިން ނުކުތް މައިރާގެ ގާތުންނެވެ.
"ނުދެކެން." މައިރާ ބުންޏެވެ.
"ފިހާރައަށްތަ ތިދަނީ." ލިޔުޝާ އަހާލިއެވެ. އެއާއެކު މައިރާ ބޯޖަހާލިއެވެ.
"މަންމަ ފުރި ދުވަހު ހަވީރު ސައިބޯން ނުކުމެ އިން. އޭގެ ފަހުން ރީނާއެއް ނުފެނޭ. ރޭގަ ނިދަން ދަމުންނާ މިއަދު ހެނދުނު ސައިހަދަން ނުކުމެފަ ވެސް ކޮޓަރި ބަލާލިން. ގޭގަ އުޅޭހެން ހިޔެއްނުވޭ." ލިޔުޝާގެ އަޑުގައި ހާސްކަން އެކުލެވިފައި ހުއްޓެވެ.
"އިރުފާ ކައިރީ އަހާލިންތަ؟." މައިރާ ބުންޏެވެ. އެއާއެކު ލިޔުޝާ ބޯހޫރާލިއެވެ.
"ރަޒާ އައީމަ ބުނާނަން ރީނާއަށް ގުޅާލަން. ރައްޓެއްސަކާ ހުންނަން ދިޔައީ ނޫންކަމެއް ނޭނގެއެއްނު. މައިރާ ވިސްނަން ހުރެފައި ބުނެލިއެވެ.
"އިރުފާ ކޮޓަރިން ނުކުމެ އުޅޭ ގަޑިއަކާ ދިމާވެއްޖެއްޔާ މަވެސް އަހާލާނަން." ލިޔުޝާ ބުންޏެވެ.
އިރުއޮއްސި ނަމާދަށް ގޮވަންވާއިރަށް މައިރާ ބަލާ ފިހާރަ ދޮށަށް ރަޒާ އައެވެ. ވާރޭ ވެހޭތީއާއެކު މަންމަ ވެސް ރަށުގައި ނެތުމުން އޭނާ އައީ ކާރުގައެވެ. ގެއާ ދިމާއަށް ދެމަފިރިން އައެވެ. ރަޒާއާ ރީނާ ދިމާވަނީ މަދުފަހަރަކުއެވެ. އެހެންވެ ރީނާ ގޭގައި ނޫޅުނަސް އޭނާއަށް އެކަމެއް ނޭނގޭނެކަން މައިރާއަށް އެނގެއެވެ. ގޭތެރެއިން ރީނާ ނުފެންނަކަން ފާހަގަވެއްޖެކަން މައިރާ ބުނުމުން ރީނާގެ ފޯނަށް ރަޒާ ގުޅަންފެށިއެވެ.
"ނިވާލާފަ." ދެފަހަރަކު ގުޅާފައި ރަޒާ ބުންޏެވެ.
އެ ދެމަފިރިންނަށް ގެއަށް ވަދެވުނުއިރު ސިޓިންރޫމު ސޯފާގައި ލިޔުޝާއާއި އިރުފާ ތިއްބެވެ. އެ ދެ އަންހެނުން ވެސް ފެށީ ރީނާގެ ވާހަކައެވެ. ކޮއްކޮގެ ފޯނު ނިވާލާފައިކަން އިރުފާ ބުނީ ރަޒާއަށް ބަލަން ހުރެއެވެ. އިނާޔާގެ ކޮޓަރިއަށް ރަޒާ އައިސް ވަނެވެ. ހޮޅިބިރު ދިއްލާލިއެވެ.
"ފާޚާނާ ބެލިންތަ؟" ރަޒާ އަހާލިއެވެ. އެއާއެކު އިރުފާއާއި ލިޔުޝާ ވެސް ބޯހޫރުވާލީއެވެ. ރަޒާ އައިސް ފާޚާނާ ދޮރުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ދޮރެއް ނުހުޅުވުނެވެ. ފާޚާނާ ކައިރިން ނުބައިވަހެއް ދުވާކަން އެންމެންނަށް ވެސް ފާހަގަވިއެވެ.
"ފާޚާނާ ތަޅުދަނޑި އޮންނާނެތަ؟" ރަޒާ އަހާލިއެވެ.
"މަންމަ އަތުގަ އޮންނާނީ." ލިޔުޝާ ބުންޏެވެ.
"ތަޅެއް ހަރުކުރެވިދާނެ. ދޮރު އަވަހަށް ހުޅުވާ. ކޮންވަހެއްތަ އެ ދުވަނީ." މޭނުބައިކޮށްފައި ހުރެ މައިރާ އަވަސްއަވަހަށް ބުންޏެވެ.
މަސައްކަތު ސާމާނު އަޅާފައި ހުރި ފޮށިތެރެއިން މަރުތޭލެއް ނަގައިގެން ރަޒާ އައެވެ. އެއިން ފާޚާނާގެ ތަޅު ރަޒާ ހަލާކުކޮށްލިއެވެ. ދޮރު ރަނގަޅަކަށް ނުހުޅުވުނެވެ. އެއްޗެއްގައި ޖެހިފައި ދޮރު މަތަވީއެވެ. ދެން ރަޒާއަށް ފެނުނީ ދެ ފައެވެ. ހުޅުވިފައި ހުރި ދޭތެރެއިން ރަޒާ ފާޚާނާއަށް ބޯދިނެވެ. އޭނާއަށް ލިބުނު ސިހުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. އިނދަޖެހިފައި އިންހެން ފާޚާނާ ތެރޭގައި އިނީ ރީނާއެވެ. އަނގަޔާއި ނޭފަތުގައި ލޭގެ އަސަރު ހުއްޓެވެ. ދެ ލޯ ބޮޑުވެގެން ނުކުންނަން ކައިރިވެފައި ހުރި ކަހަލައެވެ. ރަޒާއަށް ފަހަތަށް ޖެހެވުނެވެ. އެކަކުވެސް ފާޚާނާއާ ކައިރިނުވުމަށް ރަޒާ ވަގުތުން އަމުރުކުރިއެވެ. އެ ކޮޓަރިން ނުކުންނާށޭ ގޮވާލުމުން ތިން އަންހެނުން ސުވާލު އުފެދުނެވެ.
"ރީނާ... މަރުވެފަ..." އިރުފާއާއި އަނބިމީހާގެ ގައިގާ ހިފަހައްޓަމުން ރަޒާ ބުންޏެވެ. އޭނާއަށް ވެސް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ. (ނުނިމޭ)