ވިޔަފާރި

މިދިޔަ މަހު ޓޫރިޒަމް ހީނަރުވެ، އާމްދަނީ ދަށަށް

  • ޑިސެމްބަރު މަހު ލިބުނީ 970 މިިލިއަން ރުފިޔާ
  • ޓީޖީއެސްޓީ ވަނީ 19 ޕަސެންޓް ދަށަށް ގޮސްފަ
  • މިދިޔަ އަހަރު ލިބުނީ 13 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ޑިސެމްބަރު މަހު ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ގޮސްފި އެވެ.

ދެހާސް ސާދަވަނަ އަހާރާއި 2015 އަހަރު ލިބިފައިވާ އާމްދަނީގެ ތަފާސް ހިސާބު އާމުކޮށް މީރާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރުގައި މީރާއަށް ލިބުނު އާމްދަނީ އަކީ 976.0 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެއީ އޭގެ ކުރިން އަހަރާއި އަޅައި ބަލައިފަ 2.4 ޕަސަންޓު ދަށް އަދަދެއް ކަމަށެވެ. އަދި އެއަދަދަކީ މިދިޔަ އަހަރު ޑިސެންބަރު މަހު މީރާއަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ 9.7 ދަށް އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޑިސެމްބަރު މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން ނައުމާ ގުޅިގެން ޓީޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 19.3 ޕަސަންޓަށް ދަށްވުމާއި، އެއާޕޯޓު ސާވިސް ޗާޖު ގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 17.4 ޕަސަންޓަށް އަށް ދަށްވުން ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ލިބިފައި ހުރި އާމްދަނީ އަށް އަލިއަޅުވާލައި މީރާ އިން ބުނީ އެމަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިން ކަމަށެވެ. އެއީ 471.0 މިލިއަން ރުފިޔާ ކަމަށާއި ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓުއަރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 264.8 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބީޕީޓީ އަށް 71.7 މިލިއަން ރުފިޔާއާއި ގްރީން ޓެކްސް އަށް 46.8 މިލިއަން ރުފިޔާގެ އިތުރުން އެއާޕޯޓް ސަވިސް ޗާޖަށް 43.3 މިލިއަން ރުފިޔާ އާމްދަނީ މީރާ އަށް ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.

އެހެން ނަމަވެސް މީރާ އަށް 2014 ވަނަ އަހަރާއި އަޅައި ބަލައި އިރު މިދިޔަ އަހަރު ލިބުން ޖުމްލަ އާމްދަނީ ވަނީ 13.2 ޕަސަންޓަށް އިތުރު ވެފަ އެވެ. މިދިޔަ އަހަރު 13 ބިލިއަން ރުފިޔާ މީރާއަށް ލިބިފައިވާ އިރު 2014 ވަނަ އަހަރު މީރާ އަށް ލިބިފައި ވަނީ ޖުމުލަ 11.5 ބިލިއަން ރުފިޔާ އެވެ.