މާލޭގެ ދެކުނު ފަރާތުގައި ފަޅުމަތީ މަގުގައި ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގު މައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތައް ނަގާ އެ ސަރަހައްދު މާލެ ސިޓީ ކައުންސިލުން ސާފުކޮށްފި އެވެ.
މީގެކުރިން ވެސް ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ތަކުރާރުކޮށް އަންގާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފަޅުމަތީ މަގުގެ ސަރަހައްދުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ އެކަމުގެ ޝަކުވާ އާންމު ރަތްޔިތުންގެ ފަރާތުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކައުންސިލަށް ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.
މީގެކުރިންވެސް އެތައް ފަހަރަކު އެގޮތަށް އަމަލުނުކުރަން ކައުންސިލުން އަންގާފައިވާތީ އެ ސަރަހައްދުގެ މަގުމައްޗާއި، ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކިބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައިހުރި ކުނި ސިޓީ ކައުންސިލްގެ މުވައްޒަފުން ނެގީ އެތަކެތި ނެގުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ނުނަގާ ހުރުމުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ނީލަން ފިހާރަތައް ހިންގާ މީހުންނަށް ވަކި ސަރަހައްދެއް ކަނޑައަޅަންދެން މިހާރުވެސް ވިޔަފާރި ކުރާ ސަރަހައްދުގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ. ނަމަވެސް މަގުމަތީގައި އާއި ދުވާރު މަތީގައި ކުނި ބަހައްޓައިގެން ވިޔަފާރިކުރަން ދެން ފުރުސަތު ނުދެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
"މާލޭގައި މިނީ ބަހުގެ ހިދުމަތް މާދަމާ އެ ފަށަނީ. ފަށާއިރު ނީލަން ފިހާރަ އެ ހުރި ސަރަހައްދުގައި މުދާ ހުންނަ ނަމަ އެ ހިދުމަތް ފެށުމާއެކު މުޅި އެ ސަރަހައްދުގެ ޓްރެފިކަށްވެސް އެނގޭނެ. އެހެންވީމާ މަގުމަތީގައި ދެން ތަކެތި ނުބެހެއްްޓޭނެ،" ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ނީލަން މުދާ ވިއްކާ މީހުންނަށް މާލޭގެ އިންޑަސްޓްރިއަލް ޒޯނުން ތަނެއް ހަމަޖައްސަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތަށް އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށްފައިވާތީ ނީލަން ފިހާރަތައް އެ ސަރަހައްދަށް ބަދަލުކުރުން ވަނީ މަޑުޖައްސާލަފަ އެވެ.
ނީލަން މުދާ ވިއްކާ ސަރަހައްދު ސާފުކޮށްލާއިރަށް ދުވަސްކޮޅެއް ފަހުން އެ ސަރަހައްދުގެ މަގުތަކަށް ކުނިއަޅާ މުޅި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލުވާލަ އެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ވެސް ނީލަން މުދާ ވިއްކާ ސަރަހައްދު ސާފުކޮށް 67 ޓަނުގެ ކުނި ނަގާފަ އެވެ.