މޯލްޑިވްސް ޕޮލިސް ސާވިސް

މާގިނައިން މުދާ އަރުވައިގެން ދަތުރު ފެށި ބޯޓެއް ހުއްޓުވައިފި

Sep 4, 2022

މާގިނައިން މުދާ އަރުވައިގެން ދަތުރުކުރަމުން ދިޔަ އުޅަނދެއް ހުއްޓުވުމަށްފަހު މާލެ ފަޅުތެރެއަށް ވައްދައިފި އެވެ.

ފުލުހުން މިއަދު ހުއްޓުވީ މާލެ އިން ފުރައިގެން ގއ. އަތޮޅަށް ދަތުރު ފެށި ސައުތު ލައިން ބޯޓެވެ.

ސައުތު ލައިން ބޯޓު ދަތުރުކުރަމުން ދިޔައިރު ނަގާފައި ފޮޓޯއެއް ފުލުހުން އާންމުކޮށްފައިވާއިރު ބޯޓު އޮތީ މުދާ އަރުވާ ވަރަށް ބޮޑަށް ބަރުކޮށްފައިކަން ފާހަގަކުރެވެ އެވެ.

"މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިފުރުސަތުގައި ނަސޭހަތްތެރިވަން," ފުލުހުންގެ މެސެޖުގައިވެ އެވެ.

ސައުތު ލައިން ބޯޓަކީ ގއ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ދާންދޫ، ގެމަނަފުށި، ނިލަންދޫ އަދި ކަނޑުހުޅުދޫއަށް މުދާ އުފުލާ ބޯޓެކެވެ.

ފުލުހުން ސައުތު ލައިން ބޯޓު ހުއްޓުވީ މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެލާޓް ވެސް ނެރެފައި ވަނިކޮށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.