ބަސް ދަތުރުތައް

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތް މިއަދު މާލޭގައި ފަށައިފި އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރާނެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މާލޭގައި މިއަދު މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، ފުރަތަމަ ދެ ހަފްތާ އެއްވެސް އަގެއް ނުނަގާނެ އެވެ. އެ މުއްދަތުގެ ފަހުން ދަތުރަކަށް ނެގުމަށް ނިންމާފައިވަނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.