އިންޑިއާގެ ޓިވީ ޗެނަލްތަކުން މިހާރު ދައްކާ އެންމެ މަގްބޫލު ޝޯ "އަނޫޕަމާ"ގައި މުހިއްމު ރޯލުތައް ކުޅޭ ބައެއް ތަރިން ޝޯ އާ ހިތްހަމަނުޖެހިގެން ޝޯ ދޫކުރަން ވަނީ ފަށާފަ އެވެ.
އެގޮތުން ޖުލައި މަހު ސަމަރްގެ ކެރެކްޓާ ކުޅުނު ޕަރަސް ކަލްނާވަތު ވަނީ ޝޯ އާ ވަކިވެފަ އެވެ. އަދި ޕަރަސްގެ ކެރެކްޓާގެ ލޯބިވެރިޔާ ސާރާ ކަޕާޑިއާގެ ރޯލު އަދާކުރަމުން ދިޔަ އަލްމާ ހުސައިން ވެސް މި ޝޯ އާ ވަކިވާން ނިންމައިފިކަން ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ.
އީ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އަލްމާ ބުނީ އޭނާ ޝޯ އާ ގުޅުނީ މިދިޔަ މޭ މަހު ކަމަށާއި ފުރަތަމަ ދުވަސްތަކުގައި އޭނާގެ ކެރެކްޓާއާ މެދު ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. ނަމަވެސް ޓްރެކް އަށް އިރުއިރުކޮޅުން ގެންނަ ބަދަލުތަކުގެ ސަބަބުން އޭނާގެ ކެރެކްޓާ ތަރައްގީވުމަށް ހުރަސް އެޅިފައިވާ ކަމަށް އަލްމާ ގަބޫލު ކުރެ އެވެ. ޚާއްސަކޮށް ޕަރަސް ޝޯއިން ވަކިވުމަށްފަހު ސަމަރް އާއި ސާރާގެ ޓްރެކް އެހާ ރަނގަޅަށް ނުދާ ކަމަށް އަލްމާ ބުންޏެވެ.
"ސެޓުގެ އެއް ފަރާތެއްގައި އެހެން މީހުން ކުރާ ކަންތައް ބަލަން ހުރުމުގެ ބަދަލުގައި މި ނޫން ގޮތެއް ހޯދަން ޖެހިއްޖެކަމުގައި އަހަންނަށް ގަބޫލު ކުރެވިގެން ޝޯ އާ ވަކިވާން ނިންމީ،" އަލްމާ ބުންޏެވެ.
އަލްމާ ބުނި ގޮތުގައި ޝޯއިން ވަކިވާން ބޭނުންވެގެން އޭނާ ޕްރޮޑިއުސަރު ރާޖަން ޝާހީ އާ ވެސް ވާހަކަ ދެއްކި އެވެ. އަދި އޭނާގެ ކެރެކްޓާއަށް ކުރާނެ މާބޮޑުކަމެއް ނެތް ކަމަށް ޚުދް ޕްރޮޑއުސަރު ވެސް ގަބޫލު ކުރިކަމަށް އަލްމާ ބުންޏެވެ. އެހެންވެ މިހާރު ހަމަޖެހިފައިވަނީ އަލްމާ ކުޅޭ ސާރާގެ ކެރެކްޓާ އެމެރިކާއަށް ކިޔަވަން ދާ ކަމަށް ދައްކާފައި އޭނާގެ ކެރެކްޓާ މި ވަގުތަށް މި ސިލްސިލާއިން ނުދައްކާ ގޮތަށް ހަމަޖެއްސުމެވެ.