ކްރިމިނަލް ކޯޓް

ކޯޓު ރޫމަށް ފެންފައިބާތީ ޔާމީންގެ ޝަރީއަތް ކެންސަލް

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމަށް ފެން ފައިބަމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

އާރަށު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިއަދު 9:30 އަށެވެ. މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށް އެތަނުން މިހާރުވެސް ފެންފައިބަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކޮށްފައިވާ ކަމަށެވެ.

"ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީއާއި، މާލަމުގެ އެކި ހިސާބުތަކުން މިހާރުވެސް ފެން ފައިބަމުންދާތީ، މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރެވިފައި،" ކްރިމިނަލް ކޯޓުން ބުންޏެވެ.

ކޯޓުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހަށް ތާވަލުކޮށްފައިވާނެ ކަމަށެވެ.

މިމައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ މަޖިލީހެއް އޮތީ މިމަހުގެ 23 ވަނަ ދުވަހު އެވެ. މިމަހުގެ 30 ވަނަ ދުވަހު ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުން އެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މިމައްސަލައިގައި ދައުވާ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. ދެ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.

ކްރިމިނަލް ކޯޓު މިހާރު ހުންނަ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ރެނދުލާފައިވާ އިމާރާތެކެވެ.