ބޮލީވުޑް

އޮސްޓްރޭލިއާ ޔުނިވަސިޓީއަކުން ޝާހްގެ ނަމުގައި ސްކޮލަޝިޕެއް

Sep 5, 2022

ޝާރުކް ހާން ފިލްމްތަކުން ބްރޭކެއް ނަގައި، އެހެން ބައެއް ކަންތައްތަކަށް މިދިޔަ ދުވަސްތަކުގައި ސަމާލުކަން ދީފައިވާ ކަން އެންމެންނަށްވެސް އެނގެ އެވެ.

އިންޑިއާގެ ފިލްމީ ބައެއް ތަރިން ފަދައިން ޝާހް އަކީ ވެސް ބައެއް ކަންކަމުގައި މީހުންނަށް އެހީވުމަށް މީރް ފައުންޑޭޝަންގައި ނަމުގައި ފައުންޑޭޝަނެއް ހަދައިގެން އުޅޭ ތަރިއެކެވެ. އިންޑިއާގައި އެސިޑް ހަމަލާތަކާ ކުރިމަތިވާ މީހުންނަށް ޝާހްގެ ފައުންޑޭޝަނުން އަބަދުވެސް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ.

އިންސާނިއްޔަތަށް ޝާހް ކުރާ މަސައްކަތް ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ބަލައިގަނެވެ. މިފަހަކުން ޝާހް، އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވަސިޓީއަށް ޒިޔާރަތްކުރުމުން އެތަނުން ވަނީ މީހުންނަށް އެހީވުމަށް ޝާހް ކުރާ މަސައްކަތްތައް ބަލައިގަނެ، އިންޑިއާއިން އަންހެން ކުއްޖަކަށް ސްކޮލަޝިޕެއް ދީފަ އެވެ. މި ސްކޮލަޝިޕަކީ 225،000 ޑޮލަރުގެ ސްކޮލާޝިޕެކެވެ.

ލާ ޓްރޯބް ޔުނިވަސިޓީން މި ސްކޮލާޝިޕް ޝާހްގެ ނަމުގައި ރީ-ލޯންޗް ކުރީ އެވެ. މިކަމުން ދޭހަވަނީ ޝާހްގެ ދީލަތިކަން މުޅި ދުނިޔޭންވެސް ބަލައިގަންނަ ކަމެވެ.

މީރް ފައުންޑޭޝަނުން ގެންދަނީ އެސިޑް ހަމަލާތަކުގައި އެކިވަރުގެ އަނިޔާ ލިބުނު 120 މީހަކަށް އެހީވަމުންނެވެ. މީގެއިތުރުން ސައިކްލޯން އަމްފަންއިން ގެއްލުން ލިބުނު މީހުންނަށާއި ކޯވިޑް-19ގެ ޕެންޑެމިކްގައި ގެއްލުންވި އެތައް ބަޔަކަށް ވެސް ޝާހްގެ ފައުންޑޭޝަނުން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވެ އެވެ.

ޝާހްގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބްރަހްމާސްތްރަ" އާއި "ޕަޓާން" އެވެ.