ޓީސީގެ ފޯވަޑް ހަސަން ނާއިޒް ޖަހައިދިން ދެ ލަނޑާއެކު 3-2އިން ކެމްބޯޑިއާ ބަލިކޮށް، ބަންގް ބަންދު ގޯލްޑް ކަޕުގެ ފެށުން ރާއްޖެ މިއަދު ރަނގަޅުކޮށްފި އެވެ.
މި މެޗުގައި ތިން ފަހަރު ވެސް ލީޑު ނެގީ ރާއްޖެ އެވެ. މެޗުގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނިޓްގައި ޖެހީ ރާއްޖޭގެ އިސްމާއީލް އީސާ (މެސީ) އެވެ. ކެމްބޯޑިއާއިން އެއްވަރުކުރީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލްގެ އަތުގައި ޖެހިފައި ވަން ބޯޅައެކެވެ. މިއީ އަނިޔާގެ ސަބަބުން ހުސްވި އަހަރު ނުކުޅެ ހުރި ކީޕަރު 2014 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
ސާފް ސުޒުކީ ކަޕުގެ ނާކާމިޔާބީ އަށް ފަހު ސީނިއާ ގިނަ ކުޅުންތެރިން ނުލައި ވަރަށް ޒުވާން ޓީމަކާއެކު މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމުން ދެ ވަނަ ލަނޑު ނާއިޒް ޖެހީ މެޗުގެ މެޗުގެ 42 ވަނަ މިނިޓްގަ އެވެ. އޭގެ ކުރިން މެސީ ޖެހި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތެވެ. އަދި ނާއިޒަށް ގޯލަށް ފޮނުވާލަން ހުސް ފުރުސަތެއްވެސް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެއީ އިތުރު ވަގުތުގައި ޑިމާ ޓިޓް ޖެހި ގޯލުންނެވެ.
ރާއްޖެ މެޗުން މޮޅުވި ލަނޑު ނާއިޒް ޖެހީ ފަހު ހާފުގެ 32 ވަނަ މިނިޓްގަ އެވެ.
މި ނަތީޖާއާއެކު ރާއްޖެ އޮތީ ބަހުރޭނާއި ބަނގްލަދޭޝްގެ ޒުވާން ޓީމު ހިމެނޭ ގްރޫޕުގެ ކުރީގަ އެވެ. ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އަނެއް ދެ ޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކެމްބޯޑިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މި މެޗަށް ފަހު ރާއްޖޭގެ ދެ ވަނަ މެޗުގައި ބުދަ ދުވަހު ކުޅޭނީ ބަހުރޭނާ އެވެ.