ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

Sep 5, 2022

މި އަހަރުގެ ތިންވަނަ ފިޔަވަހީގެ ދަށުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފަ އެވެ.

ޕްރޮޕޯސަލް ހުށަހަޅާނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެންނެވެ. ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ބީއެމްއެލް އިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

މިހާތަނަށް މި ފަންޑުގެ ދަށުން ރާއްޖޭގެ 70 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލުން ވަނީ ފައިސާގެ އެހީ ދީފަ އެވެ.