ވަޒީފާއާބެހޭ ޓްރައިބިއުނަލް

ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯއަށް ބޮޑު ބަދަލެއް ދޭން ޖެހިއްޖެ

Sep 5, 2022

އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް ރާއްޖޭގެ ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން ވަކިކުރީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ނިންމާ، އޭނާ އަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުލަނުން މިމަހުގެ އެއްވަނަ ދުވަހު އަމުރުކޮށްފި އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމުން ޖޯން ގްރިންޑަލް ވަކިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިގެންނެވެ. އޭނާ ވަކިކުރީ ސުލޫކީ މައްސަލައަކާއި ގުޅިގެން ކަމަށް ޕެންޝަން އޮފީހުން އޭރު ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި ޖޯން މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގަ އެވެ.

ވަޒީފާ އިން ވަކިކުރި މައްސަލަ ޖޯންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޖޯން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކުރުމުގެ ކުރިން އެއްވެސް އިންޒާރެއް ދީފައި ނުވާ ކަމަށެވެ. އެހެންވެ އޭނާ މައްސަލަ ހުށަހަޅާފައިވަނީ އަލުން ވަޒީފާ ހޯދުމަށާއި ހަ މަސް ދުވަހުގެ މުސާރަ ހޯދުމަށެވެ. މީގެއިތުރުން އޭނާއަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާގެ އަބުރަށް ހުތުރުވެފައިވާތީ ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް ހުށަހަޅާފައިވެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ ޖޯން މަގާމުން ވަކިކުރުމުގައި އަދުލުވެރިކަން ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންވެ ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ. އެކަމަކު މަގާމުން ވަކިކުރިއިރު އިޖުރާއަތްތައް ފުރިހަމަކޮށްފައި ނެތް ކަމަށް ނިންމުމުގައިވެ އެވެ. އެހެންވެ އޭނާ ވަޒީފާގައި ހުރިއިރު ލިބެމުންދިޔަ މުސާރައާއި އެއްވަރުގެ އެއް މަހުގެ މުސާރަ (14،000 ޑޮލަރު -- 215،880 ރުފިޔާ) ދިނުމަށް އަމުރުކޮށްފައިވެ އެވެ.