ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރަނގަޅު އާމްދަނީއެއް ލިބިފައި މިވަނީ ޓޫރިޒަމް ގާނޫނަށް ޖުލައި މަހުގެ ތެރޭގައި އިހްމާލެއްގެ ތެރެއިން ގެނެވުނު އިސްލާހަކާ ގުޅިގެން ޖުލައި މަހު ގްރީން ޓެކްސް ނެގިދާނެތޯ ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވާފައި ވަނިކޮށެވެ.
ސަރުކާރުން ގްރީން ޓެކްސްގެ ރޭޓު މުރާޖައާ ކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުމުން މަޖިލީހުން އެ އިސްލާހު ޖުލައި މަހުގެ ތެރޭގައި ފާސްކުރީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ނެގޭ ގޮތަށެވެ. ސަރުކާރުން ހެދި ގޯސް އިސްލާހުކުރަން އަނެއްކާ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޖުލައި މަހު ގްރީން ޓެކްސްގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިއަހަރު އެންމެ މަދުން ގްރީން ޓެކްސް ލިބުނީ ޖުލައިގަ އެވެ. އެގޮތަށް ދިމާވި ވަކި ސަބަބެއް ކަމާ ގުޅޭ އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
ގްރީން ފަންޑުން މިއަހަރުގެ މިހާތަނަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު ދެވަނައަށް އެންމެ މަދުން ހަރަދުކުރީ ޖުލައި މަހު އެވެ. އެެއީ 38 މަޝްރޫއަކަށް ހަރަދުކުރި 23 މިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑުން ހަރަދުކުރި ގޮތް
- ޖެނުއަރީ: 11 މިލިއަން
- ފެބްރުއަރީ : 107 މިލިއަން
- މާޗް: 140 މިލިއަން
- އޭޕްރީލް: 59 މިލިއަން
- މެއި: 36 މިލިއަން
- ޖޫން: 51 މިލިއަން
- ޖުލައި: 23 މިލިއަން
ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑުގެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް 608 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއާ އެކު ގްރީން ފަންޑުގެ ޖުމްލަ އަދަދު ވަނީ 883 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ޖުލައިގެ ނިޔަލަށް ނެގީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.