މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޖާގައަށް އެދުނު ހުރިހާ ކުދިންނަށް ޖާގަ ދެވުނު: މިނިސްޓްރީ

މާލެ އޭރިއާ ސްކޫލްތަކުން ޖާގައަށް އެދި ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަހަރުގެ ކިޔެވުން ފެށުމަށް އެއް ދުވަހަށް ވެފައިވާއިރު، އަދިވެސް މާލޭގެ ސްކޫލްތަކުގެ ޖާގައަށް އެދި ގިނަ ބަޔަކު ފޯމް ހުށަހަޅަމުންދާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއް ސަމަދު ވިދާޅުވީ، މާލޭގެ ސްކޫލްތަކުން ޖާގަ ވަރަށް މަދުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުން ޖާގަ ލިބޭނެ ކަމަށާއި މިހާރުވެސް ގިނަ ބަޔަކު ދަނީ މާލޭގެ ސްކޫލްތަކަށް ކުދިން ވެއްދުމުގެ ޖާގައަށް އެދެމުން ކަމަށެވެ. އަދި މިހާތަނަށް ޖާގަ ހޯދަން އެދުނު ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

މާލޭގެ ސްކޫލްތަކަށް ކުދިން ވައްދަން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖާގަ ދޫކޮށް ނިމިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާއިރު، ބެލެނިވެރިން ބޭނުންވާ ސްކޫލްތަކުން ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ޝެރީނާ ވިދާޅުވީ، ބެލެނިވެރިން ބޭނުންވާ ސްކޫލަކުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ބެލެނިވެރިން ބޭނުންވާ ސްކޫލުން ޖާގަ އެއް ނުލިބިދާނެ. އެއީ ކޮންމެ ސްކޫލެއްގެ ކޮންމެ ގްރޭޑެއްގައި ވެސް މި ހުންނަނީ ވަކި ވަރަކަށް ޖާގަ. އެހެންވީމަ އެބޭފުޅަކު އެދޭ ސްކޫލަކުން އެ ޖާގަ ހަމަޖައްސައިދެވެން ނެތްނަމަ، އެ ޖާގަ ދެން ހަމަޖައްސަނީ ކޮންމެ ވެސް އެހެން ސްކޫލަކުން. މިހާތަނަށް ހުށަހެޅި ހުރިހާ މީހުންނަށް ޖާގަ ދީފައިވާނެއޭ މިދެންނެވީ އެ އުސޫލުން،" ޝެރީނާ ވިދާޅުވި އެވެ "ހަމަ އެއާއެކު އިއްޔެ ޖާގަ އެއް ނެތިފަ މިއަދު ޖާގައެއް އޮތުމަކީވެސް އެކަށީގެންވާ ކަމެއް. ސަބަބަކީ ސްކޫލްތަކުގައި މިހާރު ތިބި ކުދިންގެ ތެރޭގަވެސް އުޅޭނެ ބޭރަށް ކިޔަވަން ބަދަލުވާ ކުދިން،"

މާލޭގެ ސްކޫލްތަކުން ޖާގަ ހޯދުން ބޮޑު ކަމަކަށް ވެފައިވާއިރު އެ މައްސަލަ ދިމާވަނީ އަހަރުން އަހަރަށް މާލެއަށް ބަދަލުވާ ކުދިންގެ ނިސްބަތް އިތުރުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.