ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަކީ ރައްކާތެރި ތަނަކަށް ނުވިޔަސް، ކްރިމިނަލް ކޯޓު ހިންގަން އެކަށީގެންވާ އިމާރާތެއް ލިބިފައި ނުވާ ކަމަށް ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ކްރިމިނަލް ކޯޓު މިވަގުތު ހިންގަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ފުރަގަހުގައި ހުންނަ އެސްޓީއޯގެ ކުރީގެ ހެޑް އޮފީސް ހިންގި އިމާރާތުގަ އެވެ.
ހަތަރު ބުރީގެ މިއިމާރާތަކީ ބޭނުންކުރަން ރައްކާތެރި ތަނެއްތޯ ބެލުމަށް ގެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންސްޕެކްޓްކޮށް ތައްޔާރުކުރި ރިޕޯޓްގައި ވަނީ މި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ބުނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެދިގެން ތައްޔާރުކުރި ރިޕޯޓްގެ މައުލޫމާތު އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރު ޑީޖޭއޭއާ ހިއްސާކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓު ހިންގަން ދައުލަތުގެ އެއްވެސް އިދާރާއެއްގައި މިވަގުތު ޖާގަ ނެތް ކަމަށްވެސް ޕްލޭނިން މިނިސްޓްރީން އަންގާފައިވެ އެވެ. އެހެންވެ ޑީޖޭއޭ އިން ވަނީ ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ލިބޭތޯ ޓެންޑާ ބޯޑު މެދުވެރިކޮށް ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް ކްރިިމިނަލް ކޯޓު ހިންގަން އެކަށީގެންވާ އިމާރާތެއް ނުލިބުނު ކަމަށް ޓެންޑާ ބޯޑާ ހަވާލާދީ ޑީޖޭއޭ އިން މައުލޫމާތު ދީފައިވެ އެވެ.
ޑީޖޭއޭ އިން ވަނީ ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ހުޅުމާލެއިން ވެސް ބިމެއް ލިބޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން 6،200 އަކަފޫޓުގެ ބިމެއް ކުލި ދައްކާ ގޮތަށް ފަސް އަހަރަށް ލިބިދާނެ ކަމަށް އެޗްޑީސީން އަންގާފައިވެ އެވެ. ނަމަވެސް އެތަނުގައި ވަގުތީ ގޮތުން ހަތަރު ބުރީގެ އިމާރާތެއް އަަޅަންޖެހެނީ ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން އަންގާފައިވާތީ އެފަދަ ހަރަދެއް ކުރާނެ ފައިސާ ޑީޖޭއޭގެ ބަޖެޓުގައި ނެތް ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަށް ކޯޓުގެ ހުރިހާ ކަމެއް 2015 ވަނަ އަހަރު ބަދަލުކުރީ ޖަސްޓިސް ބިލްޑިންގައި ކޯޓު ހިންގަމުން ދަނިކޮށެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާ އަދި ވާރޭވެހޭ ދުވަސްތަކުގައި އާންމުކޮށް ސީލިންގުން ފެން ފޭބުން ފަދަ ކަންކަން ދިމާވާ އިމާރާތެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނީވެސް ޝަރީއަތް ކުރާ މާލަމަށް ފެނުގެ އަސަރުކުރުމުންނެވެ.