ދުނިޔެ

އިނގިރޭސިންނަށް އަނެއްކާވެސް އަންހެން ބޮޑުވަޒީރެއް

އިނގިރޭސިވިލާތުގައި ސަރުކާރު ހިންގާ ކޮންޒަވޭޓިވް ޕާޓިގެ ލީޑަރުގެ މަގާމަށް ލިޒް ޓްރަސް ހޮވިވަޑައިގަތުމާ އެކު، އިނގިރޭސި ބޮޑުވަޒީރުކަން އެ ކަމަނާއަށް ލިބިވަޑައިގެންފި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ކޮންޒަވޭޓިވް ޕާޓީ ތެރޭގައި އޮތް އެންމެ ކުރު މަގަކީ ޕާޓީގެ ލީޑަރުކަން ހޯދުމެވެ. އެކަމަށް ކުރިމަތިލެއްވި މެމްބަރުންގެ މެދުގައި މަރުހަލާ ތަކަކަށް ބަހާލައިގެން ކުރެވުނު ބަހުސްތަކާއި ނެގި ވޯޓުތަކުން ފުރޭނިގެން ދެ ބޭފުޅަކު ފައިނަލަށް ހޮވުނެވެ. އެއީ ރިޝީ ސުނަކް އާއި ލިޒް ޓްރަސް އެވެ.

ރިޝީ ސުނަކް އަކީ ކޮންޒަވޭޓި ޕާޓީގެ ލީޑާރުކަމުން އިސްތިއުފާދެއްވި ބޮރިސް ޖޯންސަންގެ ސަރުކާރުގެ ފައިނޭންސް މިނިސްޓަރެވެ. ލިޒް ޓްރަސް އަކީ ފޮރިން މިނިސްޓަރެވެ.

ބޮޑުވަޒީރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ވެސް ހިމެނި ވަޑައިގެންނެވި އެވެ. އެހެންނަމަވެސް، އޭނާ ފަހުން ވަނީ ނަން އަނބުރާ ނަންގަވާފަ އެވެ.

ލިޒް ޓްރަސް، 47، ބޮޑުވަޒީރަކަށް ހޮވިވަޑައިތަކީ ކޮންޒަވޭޓިވް ޕާޓީއަށް ވަފާތެރި މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އެ ކަމަނާއަށް 81،326 ވޯޓް ލިބިވަޑައިގެންނެވި އެވެ. ރިޝީ ސުނަކްއަށް ލިބިވަޑައިގަތީ 60،399 ވޯޓެވެ.

އިނގިރޭސިންނަށް އާ ބޮޑުވަޒީރެއް ލިބުނުއިރު މުޅި ގައުމު އޮތީ ހާލުގަ އެވެ. ތެލާއި ގޭހުގެ އަގުބޮޑުވުމުގެ ސަބަބުން އާންމުންނަށް ދިރިއުޅުން ވަނީ ތުރާލަކަށް ވެފަ އެވެ. އަނެއްކޮޅުން ޔުރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމުގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އޮތީ މުޅިން ހައްލުނުވެ އެވެ.

ޓްރަސް ވިދާޅުވި ގޮތުގައި ޓެކްސް ކުޑަކުރުމާއި ހަކަތައިގެ އަގު ދަށްކުރުން ފަދަ ބަދަލުތައް އިގުތިސޯދަށް ގެންނަވާނެ އެވެ. އަދި އަސްކަރިއްޔާގެ ބަޖެޓް ބޮޑުކުރުމާއި ސިވިލް ސާވަންޓުންގެ އުޖޫރަ ބޮޑުކުރުން ފަދަ ބަދަލުތައް ފެންނާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްގައި 1975 ގައެވެ. އެކަމަނާގެ ބައްޕަ އަކީ ހިސާބު ޕްރޮފެސަރެކެވެ. މަންމަ އަކީ ނަރުހެކެވެ.

އޮކްސްފޯޑް ޔުނިވާސިޓީގައި ފިލޯސަފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސް އިން ކިޔަވާ ވިދާޅުވުމަށް ފަހު ކޮންޒަވޭޓިވް ޕާޓިއާ ގުޅިވަޑައިގަތީ އެެވެ.

ބޮޑުވަޒީރުގެ މަގާމާ ހަމައަށް ވަޑައިގަތުމުގެ ކުރިން ލިޒް ވަނީ ބޮރިސް ޖޯންސަން އާއި ތެރެސާ މޭ އަދި ޑޭވިޑް ކެމަރަންގެ ސަރުކާރުގައި މަސައްކަތް ކުރައްވާފަ އެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަން ލިބިވަޑައިގެން ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވަންދެން ލިޒް ހުންނަވާނީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ.

ލިޒް ޓްރަސްއާ މެދު ބުނެވެނީ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންފި ނަމަ ދެވަނަ މާގަރެޓް ތެޗާ ނުވަތަ "އަޔަށް ލޭޑީ" އަށް ވާނެ ކަމަށެވެ. މާގަރެޓް ތެޗާ އަކީ އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި އަންހެނާ އެވެ.

މާގަރެޓް ތެޗާއަށް ވަނަމަކަށް އަޔަން ލޭޑީގެ ނަމުން ނަންދިނީ ރޫސިވިލާތުގެ ނޫސްވެރިއެކެވެ. އެއީ އެނާގެ ބޮޑުވަޒީރުގެ ކަމުގައި އާދަޔާ ޚިލާފު ސިޔާސަތުތައް ފާސްކޮށް، އަމަލުކޮށް ނަތީޖާ ނެރުއްވާފައިވާތީ އެވެ.

އިނގިރޭސި ސަރުކާރު ހިންގުމުގައި ހަރުކަށި އެހެނަސް އާންމުންނަށް ކުޅަދާނަ ގަވާއިދުތަކަށް އަމަލުކުރެއްވައި މާގަރެޓް ތެޗާ ގިނަ ބައެއްގެ ލޯބި ހޯއްދެވި އެވެ.

ލިޒް ޓްރަސް ބޮޑުވަޒީރަކަށް ހޮވިވަޑައިގަތުމާ އެކު އިނގިރޭސިންނަށް އެ ލިބުނީ ތިންވަނަ އަންހެން ބޮޑުވަޒީރެވެ. އިނގިރޭސި ފުރަތަމަ ބޮޑުވަޒީރަކީ މާގަރެޓް ތެޗާ އެވެ. އެއަށް ފަހު ތެރެސާ މޭ އެވެ.