ދުނިޔެ

އަަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އޮޅިގެން ޖެހުނު ބަޑިއަކުން: އިޒްރޭލު

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާޤްލާ މަރުވީ އިޒްރޭލު ސިފައިންނަށް އޮޅިގެން ޖެހުނު ބަޑިއަކުން ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުން ބަޔާނެއް ނެރެ ބުނެފައިވާ ގޮތުގައި ބަޑިޖެހީ ސިފައިންގެ ތެރެއިން ކާކުކަން ހޯދުމަކީ ދަތިކަމެއް ކަމަށެވެ.

ޝީރީންގެ މަރާ ބެހޭ ގޮތުން އިޒްރޭލުން ކުރިން ކުރީ އިންކާރެވެ. އޭނާ މަރާލީ އިޒްރޭލު ސިފައިން ނޫން ކަމަށްވެސް ކުރިން ބުންޏެވެ.

އެހެންނަަމަވެސް އދ.ގެ އިންސްޕެކްޓަރުންގެ ހޯދުންތަކަށްފަހު ނެރުނު ރިޕޯޓްގައި ވެސް ބުނެފައި ވަނީ ޝިރީން މަރާލީ އިޒްރޭލުން ސިފައިންކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އިޒްރޭލުން ބަޔާނެއްގައި މިވަރު ވެސް ހާމަކޮށްފައި މިވަނީ ދުނިޔޭގެ ފިއްތުންތަކާ ހެދި އެވެ. އެމެރިކާ އާއި ޔޫރަޕުން ވެސް ގޮވާލާފައި އޮތީ ޝީރީން މަރުވި ގޮތް އިޒްރޭލުން ހާމަކުރަން ޖެހޭނެ ކަމަށެވެ.

މިފަހަރު ނެރުނު ބަޔާނުގައި ވެސް ބުނެފައި އޮތީ ޝީރީން މަރުވީ އިޒްރޭލު ސިފައިންނާއި ފަލަސްތީން ގުރޫޕްތަކާ އެކު "ބަދަލުކުރި" ބަޑީގެ ހަމަލާތަކެއްގައި ކަމަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޝީރީން މަރާލި ވަޒަނުގެ ހަގީގަތް ހޯދަން ނުފުރޮޅާ ގަލެއް ނޯންނާނެ އެވެ.

ބަޔާނުގައި އަދި ބުނެފައިވާ ގޮތުން ޝީރީންގެ ގަޔަށް އެރި އުންޑައިން އޭނާގެ ގާތުގައި ހުރި އެހެން ނޫސްވެރިއެއް ކަމަށްވާ އަލީ ސަމޫދީއަށް ވެސް ހާނީއްކަވި އެވެ.

ހައި ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ އުންޑަ އަކީ އިޒްރޭލު ސިފައިންގެ މީހަކު ޖެހި ވަޒަނެކެވެ. އެއީ ފަލަސްތީންގެ ހަނގުރާމަ ވެރިޔަކު ޖެހި އުންޑައެއް ކަމަށް އިޒްރޭލު ސިފައިން ހައްޓަށް ބާރުލާފައި ކިތަންމެ ބާރަށް ބުނި ނަމަވެސް އެކަމަށް ދައްކާނެ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޝީރީންގެ ގަޔަށް އުންޑައެރި ދުވަހު ބަޑި ހިފައިގެން އުޅުނު ފަލަސްތީން މީހަކު އެއިން ހިސާބަކުން ވެސް ފެނިފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.