ބޮލީވުޑް

ރީތި މީހަކަށް ވާން ވަރަށް ގްރޫމްކުރަން ޖެހުނު: ނިއާ ޝަރުމާ

"އޭކް ހަޒާރޯންމޭ މެރީ ބެހެނާ ހޭ" އާއި "ޖަމާއީ ރާޖާ" ފަދަ ސިލްސިލާތަކުގައި ލީޑް ރޯލު ކުޅެފައިވާ ބަތަލާ ނިއާ ޝަރުމާ އަކީ ޓީވީ ތަރިންގެ ތެރެއިން އެންމެ ސްޓައިލިޝް އެއް ބަތަލާ އެވެ.

ނަމަވެސް ރީތި އަދި ސްޓައިލިޝް އަންހެނަކަށް ވުމަށް ނިއާ އަށް ގިނަގުނަ މަސައްކަތްކުރަން ޖެހުނު ކަމަށް ހުދު ނިއާ ވެސް އެއްބަސްވެ އެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ނިއާ ބުނީ އޭނައަށް ކުރިން މޭކަޕް އަކީ ކިހިނެއް ކުރާ އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ. އަދި ހުތުރުކޮށް މޭކަޕް ކުރެވޭ ކޮންމެ ފަހަރަކު ވަރަށް ރޮވޭ ކަމަށެވެ.

ނިއާ ބުނި ގޮތުގައި އޭނާ އަކީ އުފެދުމުގައި ރީތި މީހެއް ނޫނެވެ. މިހާރު ފެންނަ ސިފަ އަކީ ވަރަށް ގްރޫމްކޮށްގެން ޖައްސާފައި ހުރި ސިފަ އެކެވެ.

ނިއާ ބުނި ގޮތުގައި މޭކަޕްކުރަން އޭނާ އަމިއްލައަށް މޭކަޕްކުރަން ދަސްކުރީ ޔޫޓިއުބު ޓިއުޓޯރިއަލް ވީޑިއޯތައް ބަލައިގެންނެވެ.

"އެންމެ ކުރިން އަމިއްލައަށް މޭކަޕްކުރަނީ އިވެންޓްތަކަށް ދާން ވެސް. ވަކި ހިސާބަކުން މޭކަޕް އާޓިސްޓުން އަހަރެންގެ މޭކަޕް ކޮށްދޭން ޝައުގުވެރިކަން ފާޅުކުރަން ފެށުމުން އެމީހުންނާ ހަވާލުކުރީ،" ނިއާ ބުންޏެވެ.

ނިއާ އިތުރަށް ބުނި ގޮތުގައި އޭނާ ދުވާލުގެ ހުރިހާ ގަޑިއެއް ހޭދަކުރަނީ ސިފަ ރީތިކުރުމަށް ހަށިގަނޑުގެ ބައިތައް ގްރޫމް ކުރުމުގަ އެވެ.

"އެކްޓަރަކަށް ވާތީ ރީތި ސިފައިގައި ހުރުން ވަރަށް މުހިއްމު. އެ ހަގީގަތް އަހަންނަށް ވިސްނުނީ މަޑުމަޑުން. މިހާރު އަހަރެންގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ އަމިއްލަ ހަށިގަނޑު ރީތިކުރުމުގެ މަސައްކަތަށް،" ނިއާ ބުންޏެވެ.

ނިއާ މިހާރު ފެންނަނީ ކަލާޒް ޓީވީގެ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކް ލާޖާ"ގެ ބައިވެރިއެއްގެ ގޮތުގައި ނަށަނިކޮށެވެ.