އެޗްޑީސީ

އެޗްޑީސީގެ ނަމުގައި ފޭކް މެސެޖުތަކެއް، ސަމާލުވާން އަންގައިފި

Sep 6, 2022

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން އާންމުންނަށް މެސެޖު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި "ހިޔާ ސޭފްޓީ ޕޯޓަލް" އަށް ވަނުމަށް އާންމުންނަށް ލިންކްތަކެއް ފޮނުވަމުންދާ ކަމަށެވެ.

އެ ޕޯޓަލް އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މުއާމަލާތް ކުރަން ބޭނުންކުރާ ޕޯޓަލްއެއް ކަމަށް އެ މެސެޖުތަކުގައިވެ އެވެ.

އެޗްޑީސީ އިން ބުނީ އެއީ އެ ކޯޕަރޭޝަނުން ފޮނުވާ މެސެޖެއް ނޫން ކަމަށާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ އެ ކޯޕަރޭޝަނުން މުއާމަލާތްކުރަން އެފަދަ ޕޯޓަލެއް ވެސް ބޭނުން ނުކުރާ ކަމަށެވެ. އެ މެސެޖުތައް ފޮނުވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމެއް އެ ކޯޕަރޭޝަނުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

"މިފަދައިން މި ކޯޕަރޭޝަންގެ ނަމުގައި ފޮނުވާ މެސެޖުތަކަށް ސަމާލުކަންދީ އެއްވެސް ލިންކަކަށް ނުފިތުމަށް އާންމުންނަށް ދަންނަވަން،" އެޗްޑީސީ އިން ނެރުނު ބަޔާނުގައިވެ އެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ އެފަދަ މެސެޖެއް ލިބިއްޖެނަމަ ވީހާވެސް އަވަހަށް އެކޯޕަރޭޝަންގެ ނަންބަރު، 3353535 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށެވެ.

އެކި ކުންފުނިތަކާއި ބޭންކުތަކުގެ ނަމުގައި މީހުންނަށް މެސެޖުކޮށް އަދި ގުޅައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން ފަދަ ކުށްތައް ކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް ދޭތެރެ ދޭތެރެއިން ފުލުހުންގެ ފަރާތުން ވެސް އެކި އިލްތިމާސްތައް އާދެ އެވެ.