މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށި ފުރަތަމަ ދުވަހު 2،000 އަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދައިފި އެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި -- އެމްޓީސީސީން އެއްކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އިއްޔެ އެކަނިވެސް މާލޭގައި 2،257 މީހަކު ވަނީ މިނީ ބަހުގެ ހިދުމަތް ހޯދާފަ އެވެ.
މާލޭގައި އިއްޔެ ބިނީ ބަހުގެ ހިދުމަތް ފެށީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.
އޯކިޑް ރޫޓުން 621 މީހުން ސޯސަން ރޫޓުން 754 މީހަކުން އަދި އަމީނީ ރޫޓުން 882 މީހަކު ހިދުމަތް ހޯދާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މިނީ ބަހުގެ ހިދުމަތްތަކަށް ދަތިވާ ގޮތަށް ބައެއް މީހުން މަގުތަކުގައި ޕާކް ކޮށްފައި ހުންނާތީ އެފަދަ އުޅަނދުތަކުގައި ސްޓިކާ ޖެހުމަށްފަހު އެފަދަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލޭގައި މިނީ ބަހުގެ ދަތުރުތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮތް ކަން އެނގިގެން ހިގައްޖެ ކަމަށެވެ.
"ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރިއްޔާ. އެދެނީ ވެހިކަލް ޕާކް ކުރަން ހަމަޖެހިފައި ހުންނަ ތަންތާ ޕާކް ކުރެއްވުމަށް،" އާޒިމް ވިދާޅުވި އެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.