ވާހަކަ

އިޙްސާސްވޭ

( 4 ސެޕްޓެމްބަރ 2022 އާ ގުޅޭ )

"ރީނާ... މަރުވެފަ..." އިރުފާއާއި އަނބިމީހާގެ ގައިގާ ހިފަހައްޓަމުން ރަޒާ ބުންޏެވެ. އޭނާއަށް ވެސް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ.

ރަޒާގެ އަތްދަށުން ފާޚާނާއާ ދިމާއަށް ދާން އިރުފާ އުޅުނެވެ. ކޮއްކޮ މަރުވީއޭ ބުނީމާ އިރުފާ ހުރީ ސިހުމެއްގެ ތެރޭގައެވެ. އޭނާގެ އަމިއްލަ ދެ ލޮލުން ދުށުމަށް ބޭނުންވެފައެވެ. އަމިއްލައަށް ޔަގީން ކުރާން އިރުފާ އެދޭ ކަހަލައެވެ.

"އެންމެން މިކޮޓަރިން ނުކުމޭ." ރަޒާ ހަރުކަށި ގޮތަކަށް ބުންޏެވެ. ރީނާގެ ހަށިގަނޑު ފެނުމުން އެ ތިން އަންހެނުންނަށް ކެތްކުރާން ދަތިވާނޭކަން ރަޒާއަށް އެނގެއެވެ. އެ ބިރުވެރި ސޫރަ އެމީހުންގެ ހިތްތަކުގައި ބިންވަޅު ނެގޭކަށް ރަޒާ ނޭދެއެވެ. ލިޔުޝާއާއި މައިރާއާއެކު އިރުފާ ކޮޓަރިން ނުކުތެވެ. ތިން އަންހެނުން ބަދިގެ ކާމޭޒުދޮށުގައި އިށީނެވެ. ރަޒާ ފުލުހުންނަށް ގުޅިއެވެ.

ހޮސްޕިޓަލަށް ރީނާގެ ހަށިގަނޑު ގެނެވުނެވެ. ފުލުހުން އޭނާގެ ޢާއިލާއާ ސުވާލުކުރިއެވެ. ޢާއިލާއާ ދުރުގައި ހުންނަ ދައްތައަށް ރަޒާ ގުޅިއެވެ. ޚަބަރު ލިބުމާއެކު ޖުނާ ވަގުތުން ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ތިން ދުވަސްވީއިރު އެއްގޭތެރޭގައި އުޅޭ މީހުންނަށް ރީނާގެ ހާލު ބަލާނުލެވުނީތީ އެކަމާ ޖުނާ ފާޑުކިޔެވެ. ކުއްލިއަކަށް ދައްތަ ކިޔަންފެށި އެއްޗެހި ބަލައިގަންނަން ދަތިވީ އިރުފާއަށެވެ. މާދުރުގައި އުޅޭ މީހަކަށް އެ ޢާއިލާ ތެރޭގައި ހިނގާ ކަންކަން އެނގޭނީ ކިހިނެއް ހެއްޔެވެ.

"ދޮންތަ އެއްޗެހިކަން މާރީއްޗެއްނޫން. ހަ މަހުން އެއްފަހަރު ވެސް ޢާއިލާގެ ކައިރިޔަށް، އަހަރެމެން އުޅޭ ގޮތެއް ބަލާލަން ވެސް ވަދެލާ މީހެއްނޫން ތީ. އެހެންވީމަ ކިހާ ވަރަކަށް ޢާއިލާގެ ހާލު ބެލިފަ ހުންނާނީ. އަހަރެމެން އަޅާނުލައޭ ބުނާއިރު ދޮންތަ އެއްފަހަރު ވެސް ރީނާއަށް ގުޅާލިންތަ؟. ތިހާ ލޯބި އުފެދިގެން އުޅޭ ކޮއްކޮގެ ހާލު ދުށުމަށް ބޭނުންވެ، ތިގެއަށް ދުވަހަކުވެސް ގެންދިޔައިންތަ؟." އިރުފާ ރުޅިއެވެ. އޭނާއަށް ވާހަކަދެއްކުނީ ވެސް ނުހަނު ބާރަށެވެ. ރީނާގެ ގޮތް ނޭނގެ މަރުގެ ތުހުމަތު އެމީހުންގެ ބޮލުގައި އަޅުވަން ޖުނާ އުޅެނީއޭ އިރުފާއަށް ހީކުރެވުނީއެވެ. ޒުވާބަކަށްވެ މައްސަލަގަނޑު ހޫނުވާން ފުރުޞަތު ނުދޭން ދެ ދައްތަގެ މެދަށް ވަނީ ރަޒާއެވެ. ހޮސްޕިޓަލުގައިކަން ތިބީ ރަޒާ ހަނދާންކޮށްދިނެވެ. ވަގުތާއި ހާލަތާމެދު ވިސްނާލާފައި ޒުވާބު ނުކުރާން އޭނާ އެދުނެވެ. ރުޅި އައިސްފަ ހުރެ ވެސް ރަޒާގެ ވާހަކަ އިރުފާއާއި ޖުނާ ޤަބޫލުކުރިއެވެ. އިރުފާ ފޫހިކަމާއެކު ތުންއަނބުރާލައި ޖުނާއާ ނަޒަރު ވަކިކޮށްލީއެވެ. އެއާއެކު ޖުނާ ވާހަކަދެއްކީ ރަޒާއާއެވެ.

"މަންމަ ނޫނީ އެންމެންނަށް ގުޅިއްޖެ. މަންމަ އެކޮޅަށް ގޮސްފަ ގުޅޭނެ ނަންބަރެއް ނުފޮނުވާ. އަޒީޒާމެންގޭ ދޮށަށް ގޮސްގެން މަންމައަށް އެންގޭވަރުވާނީ. ފިރިހެނަކަށް މިވަގުތު ހުރީ އަހަރެން. ފުރަތަމަ ކަމަކަށް މިއައީ ހޮސްޕިޓަލަށް. ބައްޕައާއި ދޮންބެ އައީމަ އަހަރެންނަށް އެހެން ދިމާއަކަށް ދެވޭނީ." ޖުނާ ދެއްކި ވާހަކައާ ގުޅުވައި ރަޒާ ބުންޏެވެ.

"ކީއްކުރަންށޯ އިންޑިއާއަށް އެ ދިޔައީ." ޖުނާ މިހެން އަހާލިއިރު އޭނާގެ ދެބުމަ ކައިރިކޮށްލެވިފައި ވިއެވެ. އޭނާ އެ ސުވާލު ކުރާއިރު ޖަވާބު ވެސް އޭނާއަށް ލަފާކޮށްލަން އެނގޭ ކަހަލައެވެ. މޫނުމަތިން ފާޅުވި ފޫހިކަމަކީ އެކަމުގެ އަސަރެވެ. މަންމަގެ ޢަމަލުތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.

"މިބުނާ އަޒީޒާގެ ޢާއިލާއާއެކު ދިޔައީ" ރަޒާ ބުންޏެވެ.

"ބައެއްގެ ބޮލުގައި އެޅިގަނެގެން ދިޔައީ ދޯ. ކީކޭ ބުނާނީ." ޖުނާއަށް ދެ ފަރާތަށް ބޯހޫރާލެވުނެވެ. އޭނާ ދެން ރަޒާ ކައިރީ އެދުނީ އަޒީޒާމެން ގޭ ދޮށަށް ދިއުމަށެވެ. ކޮންމެ ކަހަލަގެ މީހަކަށް މަންމަ ވިޔަސް ދަރިއަކު މަރުވެގެން އުޅޭއިރު އެ މަންމައަށް އަންގަން ޖެހޭނެކަން ޖުނާއަށް ވެސް ވިސްނެއެވެ. ހޮސްޕިޓަލުގެ ތެރެއިން ކަމެއް ޖެހިއްޖެނަމަ ޖުނާ ބަލަހައްޓާނަންކަން އޭނާ ރަޒާއަށް ޔަގީންކަން ދިނެވެ. އެހެންވީމަ ވީހާ ވެސް އަވަހަކަށް މަންމައަށް އެންގޭނޭ ގޮތެއް ވޭތޯ ބަލަން ދިއުމަށް ރަޒާގެ ގާތުން ޖުނާ އެދުނެވެ.

* * * * *

ކޮޓަރީގައި ޓަކި ޖަހާލާފައި މާޔަލްއަށް ގޮވާލީ އާމާލްއެވެ. އެނދުމަތިން ފައިބައިގެން އައިސް މާޔަލް ދޮރު ހުޅުވިއެވެ. ލިބުނީ އުންމީދުނުކޮށް ހުރި ޚަބަރެކެވެ. އެބަ ނުކުންނަން ކަމުގައި މާޔަލް ބުނުމުން އާމާލް ހިނގައްޖެއެވެ. ނިކަން އަވަހަށް ހެދުން ބަދަލުކޮށްލައިގެން މާޔަލް ކޮޓަރިން ނުކުތެވެ. ސިޓިންރޫމާ ހަމައަށް އާދެވުނު ހިނދު ސޯފާގައި އިން އިވާން ފެނިއްޖެއެވެ. އޭނާ އެއްއަތް ކުޑަކޮށް ހިއްލާލައި ސަލާމުގެ އިޝާރާތެއްކޮށްލިއެވެ. ލުއި ހިނިތުންވުމެއް މާޔަލްއާ ބަދަލުކޮށްލިއެވެ. އަންނާށޭ ބުނާ ފަދައިން މާޔަލް އިޝާރާތުން ދައްކާލިއެވެ. ދެން އޭނާ ހިނގައިގަތީ ހާމަފެންޑާއަށް ނުކުމެގެން ހުރި ދޮރާ ދިމާއަށެވެ. ވާރޭ ހުއްޓާލާފައި އޮތެއް ކަމަކު އެތަނުގެ ތަޅުމުގައި ހިސާބަކަށް ފެންހެދިފައި އޮތެވެ.

"ކީއްކުރަން ތިއައީ؟" އިވާންއާއެކު އެކަނިވުމުން މާޔަލް އަހާލިއެވެ.

"މައްޔު މިސްއެއް ވެސް ނުވޭތަ. ނުފެނި ދުވަސްތަކެއްވުމަށްފަހު ފެނުނީމަ އަހަރެން ހީކުރީ މައްޔު އުފާވާނޭކަމަށް." އިވާން އުންމީދުކުރި ފަދަ އަސަރެއް މާޔަލްގެ މޫނާއި ހަރަކާތްތަކުގައި ނުވެއެވެ. އެކަމުން އޭނާގެ ހިތަށް މާޔޫސްކަން ލިބިގެން ހިނގައްޖެއެވެ.

"އިވާން ދުވަހަކުވެސް އަހަންނަށް ކަމެއް އޮޅުވާލިންތަ؟" އިވާން ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ އިރުކޮޅަކު ހިމޭންވެ ބަލަން ހުރެފައި މާޔަލް ސުވާލުކޮށްލިއެވެ.

"ތިހެން ބުނާއިރު އަހަންނަށް ވެސް އެހިދާނެ މައްޔު ކިހާކަމެއް އަހަންނަށް ސިއްރުކޮށްފަ އޮންނާނެތޯ." މާޔަލް ކުރި ސުވާލާ މެދު އިވާން ހިތްހަމަނުޖެހުނީއެވެ.

"އެކްސިޑެންޓްވީ ރޭގަ އިވާން ކޮބާ؟. ކީއްވެ ކާރުގަ އަހަރެން އެކަނި އިނީ. އަހަރެން ތަނަކަށް ދާނަމަ ދަނީ އިވާންއާއެކީ. އެރޭ... އެރޭ އަހަރެން ބުނިތަ އެއްވެސް އެއްޗެއް. ދަނީ ކޮންތާކަށްކަން ބުނިތަ؟." މާޔަލް އިތުރު ސުވާލުތައް ފައްޗަކަށް އަމުނާލިއިރު އިވާން ފާޅުކުރި ހިތްހަމަނުޖެހުމުގެ އަސަރު އޭނާއަށް ފާހަގަނުވާ ކަހަލައެވެ.

"ދެޓްސް ޔޯ ޑިޒިޝަން. އަހަރެން ކުރީބައިގަ ކަންކަން މައްޔުއަށް އެންގި ނަމަވެސް މައްޔު އެހެނެއް ނުހަދާ. މައްޔު ހިތަށް އަރައިފިއްޔާ އެ ދާތަނަކަށް ގޮސްފައި އައިސްފަ ވެސް ބުނެފަ އެބަހުރި. މައްޔުއަށް އެނގޭތަ... މީ ފުރަތަމަ ފަހަރެއްނޫން ހަމަ ހުރެފަ ޓަސްލާފައި ކަންކަން ނިންމާލި. ދެން މަށަށް ޖެހެނީ ކޮންމެ ނިންމުމެއް ޤަބޫލުކޮށްލައިގެން ހުންނަން. އެހެންނޫނީ އެޖެހުނީ ދެމެދުގައި މައްސަލަ. ގޮތްދޫކުރާކަށް މައްޔު ބޭނުމެއްނުވާނެ. އަބަދުވެސް މައްޔު ބޭނުންވާގޮތް. އަހަރެން އެދޭ ގޮތަކަށް ކަންތައްކުރާން ކީއްވެތަ މައްޔު ބޭނުންނުވަނީ. އަހަރެން ވަކި އަހަރެމެން ދެމީހުންނަށް ދެރަވާނޭހެން ނިންމުމެއް ނިންމާނެތަ؟. މައްޔުދެކެ ލޯބިވެގެން ގޮސް އަހަރެން މިހިރަ މޮޔަވަނީ. އެކަމަކު އެކަން ވެސް މިޖެހެނީ އިރުއިރުކޮޅާ މައްޔުއަށް ހަނދާންކޮށްދޭން. ސާބިތުކޮށްދޭން އަހަރެން ލޯބިވާވަރު. އަދި މިހާރު އުޅޭން ފެށި ގޮތުން ހީވަނީ އިތުބާރެއް ވެސް އަހަންނަކަށް ނުކުރެވެޔޭ." ބޮލުގައި ރިއްސައިގަތް މީހަކުހެން އިވާން ނިތްކުރީގައި ކާނާއަތުން ހިފަހައްޓާލިއެވެ.

"ރުޅިވާން ހިތަކަށް ނާރާތަ؟." މާޔަލް ބޭރުކޮށްލި ބަސްތައް އިވިފައި އިވާން ސިހުނެވެ. ދެ މީހުން ދުރުވުމުގެ ޚިޔާލު އިވާންގެ ގާތުގައި މާޔަލް ދެއްކި މީ ފުރަތަމަ ފަހަރެއް ނޫނެވެ.

ހާމަފެންޑާއަށް ނުކުންނަން ހުރި ދޮރު ކައިރިން ހިޔާކޮށްފައި އޮތް ތަންކޮޅުގައި ތިބި ޒުވާނުންގެ ސަމާލުކަން ހޯދީ ބިއްލޫރި ދޮރުގައި ޓަކިދިން އަޑެއް އިވިގެންނެވެ. ދެ ޒުވާނުންނަށް ބަލާލެވުނީ އެއްފަހަރާއެވެ. މަންމަ ހުރި ގޮތުން ބޭރަށް ދާން އުޅެނީކަން މާޔަލްއަށް އެނގުނެވެ. ދޮރު ދަމާލާފައި އެކުދީންގެ ގާތަށް އާމާލް ނުކުތެވެ. މާޔަލްއާއި އިވާންގެ ކައިރީ އޭނާ ހުއްޓުނެވެ.

"މައިރް ދެންމެ މަންމައަށް ގުޅައިފި. ރަޒާމެންގޭ ކުއްޖަކު ނިޔާވެގެން އެބައުޅޭ. ބައްޕައާ ދެ މީހުން މިދަނީ ހޮސްޕިޓަލަށް ދާން. ނޭނގެ އާދެވޭނޭ އިރެއް. މަލް ގެއަކުނެތް. ކޮއްކޮ ނާންނަނީސް މައްޔު ނިދަން ނުވަންނައްޗޭ." މާޔަލްގެ ކޮނޑާދިމާލުގައި ފިރުމާލަމުން އާމާލް ވާހަކަދެއްކިއެވެ.

"އަހަރެމެން ވެސް ދާންވާނެއެއްނު." މާޔަލް ކުއްލިއަކަށް ބުންޏެވެ.

"ދަރިފުޅުމެން ސަހަރާއަށް ދާނީ. އިހަށް ގޭގަ މަޑުކުރޭ." އާމާލް ބުންޏެވެ.

"މަންމަ ހާސްނުވޭ. އަހަރެން މަޑުކުރާނަން މަންމަމެން އަންނަންދެން." ފުރުޞަތުގެ ބޭނުން އިވާން ހިފިއެވެ. މާޔަލްގެ ނަޒަރު އިވާނަށް ދަތުރުކޮށްލިއެވެ. އެ ނިންމުމާމެދު އޭނާ ޤަބޫލެއްނޫނެވެ. އެހެންވިޔަސް މަންމަގެ ކުރިމަތީ އިވާންއާ ދިމާއަށް އެއްޗެއް ބުނަން މާޔަލް ބޭނުންނުވީއެވެ. ލޯމައްޗަށް އާމާލް ގެއްލެންދެން ހުރެފައި އަލުން އިވާންއާ މާޔަލް ނަޒަރު ސީދާކޮށްލިއެވެ. ދެން އޭނާ ބޭރުގައި ނުހުރެ ގޭތެރެއަށް ވަނީއެވެ. ސިޓިންރޫމު ސޯފާތަކުން ޓީވީއާ ކުރިމަތިވާހެން ފާރުގައި ޖައްސާފައި ހުރި ސޯފާގައި މާޔަލް އައިސް އިށީނެވެ. އޭނާގެ ފަހަތުން އައި އިވާން ވެސް އިށީނީ ހަމަ އެ ސޯފާގައެވެ. މާޔަލްގެ ކައިރީއެވެ. ދުރަށް ޖެހިލަން މާޔަލް އުޅުމުން އިވާން ހިފީ މާޔަލްގެ އަތުގައެވެ.

"އަތްނުލާތި." ދުރަށް ފުންމައިގަތް މާޔަލް ބުނީ ތަންކޮޅެއް ބާރަށެވެ. އިވާން ވެސް ބަލަން އިނީ ޤަބޫލުނުކުރެވިފައެވެ. މާޔަލްގެ ހިތް އަވަސްވެފައިވެއެވެ. އިވާން އަތްލީމާ އޭނާއަށް އުނދަގޫވީއެވެ. މިފަހަރު އެކަން ވަރަށް ރަނގަޅަށް އޭނާގެ އަމިއްލަ ނަފްސަށް ވެސް ޔަގީންވެ ޤަބޫލުކުރެވިއްޖެއެވެ. ހިތުގައި އެ އިންސާނަކާމެދު ލޭފަވެތި ކުލުންވެރިކަމެއްވާނަމަ އެ އިންސާނާގެ ބީހުމަށް ނަފުރަތު ކުރެވިދާނެ ހެއްޔެވެ. ޔަގީނުން ވެސް މާޔަލްގެ ޟަމީރު އެ ސުވާލަށް ޖަވާބު ދީފިއެވެ. އޭނާގެ ޟަމީރު އެކަންޏެއްނޫނެވެ. ބުއްދިއާއި ހިތް ވެސް ފާޅުކުރީ އެއް ޝުޢޫރެކެވެ. އައިރިކްގެ ކުޑަކުޑަ ބީހުމަކުން ވެސް މުޅި ނަފްސު ބެހި އޮޔާދާފަދަ ގަދަ އޮއެވަރެއް ޖިސްމުގައި އުފެދޭއިރު މާޔަލްގެ ހިތާއި ފުރާނަ އެދެނީ ކޮންކަމެއްކަން އޭނާއަށް އެނގެއެވެ. ކުއްލިއަކަށް މާޔަލްގެ މި އިޙްސާސްތައް އޭނާގެ ހިތުގައި ބިރުވެރިކަމެއް ރާޅެއް އުފައްދައިފިއެވެ. ހަރަކާތެއްކުރާން ނޭނގިފައި އިން އިވާންއަށް މާޔަލްއަށް ބަލާލެވުނެވެ.

"އަހަންނާއި އިވާންއަށް ވާނީ ކިހިނެއް؟. އިވާންއަށް ބޭވަފާތެރިވެފަ... ކައިވެނި ވެސް ހަމަޖެހި... ރަން ވެސް ކިޔާފަ..." މާޔަލްއަށް ވިސްނާލެވުނެވެ.

"ސޮރީ." އިވާން ނިކަން އަވަހަށް ބުންޏެވެ. މާޔަލްއަށް ވެފައި ހުރި ގޮތެއް ދެނެގަންނާން މިފަހަރު އިވާންއަކަށް ވެސް ނޭނގުނެވެ. އޭނާ ވެސް ކަންބޮޑުވެއްޖެއެވެ. މާޔަލްގެ ފުށުން ފާޅުވީ އޭނާގެ އަމިއްލަ ކުށުގެ ނަތީޖާބާއޭ އިވާން ހިތަށް އެރިއެވެ. މިފެންނަނީ އޭނާ މާޔަލްއާއެކު ގާތްކަމެއް ބޭއްވުމަށް ކުރި މަޖުބޫރުގެ ނަތީޖާބާއެވެ.

"އިވާންއަށް ހިޔެއްނުވޭތަ އަހަރެމެން ދެ މީހުން ނުގުޅޭހެން. ޚިޔާލު ވެސް ތަފާތުވީމަ މައްސަލަ އެ ޖެހެނީ. ރައްޓެހިވެގެން އުޅޭއިރު ހަމަޖެހިގެން ނޫޅެވިގެން މިއުޅެނީ. މެރީ ކުރީމަ ހީވޭތަ ވަކިން އަހަރެމެން ހަމަޖެހިގެން އުޅެވިދާނޭ." މާޔަލް ބުންޏެވެ. އިވާން އަމިއްލައަށް މާޔަލްއާ ވަކިވާން ޚިޔާލު ކުރާން ޚުދު މާޔަލް އެދޭ ކަހަލައެވެ. އޭނާއަށް އިވާންގެ ހިތްހަލާކުކޮށްލަން ނުކެރިގެން އުޅެނީއެވެ.

"މައްޔު ހަނދާންނެތުނީތަ؟. އަހަރެމެން ވަޢުދުވީމެންނު... ކޮންމެ މައްސަލައެއް ޖެހުނަސް ވާހަކަދައްކައިގެން ހައްލުކުރާނީކަން. ދެމީހުން ވަކިނުވާނެކަން. އަހަރެން ވެސް ކަމަކަށް ވަޢުދުވީން. އެއީ ކޮންފަދަ ސެކްރިފައިސްއެއް ކުރާން ޖެހުނަސް މައްޔު ދޫކޮށްނުލާނެކަން. އަހަރެން އަބަދުވެސް ވާނީ މައްޔުގެ މީހަކަށް. މިހެން ޖެހޭ މައްސަލަތައް ހައްލުވޭ މެރީ ކުރީމަ ވެސް. އެކަމަކު މިހާރަކަށް އައިސް އަބަދު ކުރެވޭ ޚިޔާލަކީ މައްޔު އަނެއްކާ އަހަންނާ ދުރަށްދާން ވިސްނަނީބާއޭ. މިހާރު މައްޔުއަށް އަހަރެން ކަމުނުދަނީބާއޭ. އަހަރެން... އެރޭ އަސްލު... އަހަރެން މައްޔު ރޭޕްކުރާކަށްނޫން އުޅުނީ. ކައިރިވާން ބޭނުންވި، އެކަމަކު އެހިސާބަށް ކަންތައް ގެންދާކަށް ހިތަކުނެތް. މައްޔު އަދިވެސް އަހަންނަށް ޕަނިޝް ތިކުރަނީ އެރޭގެ ސަބަބުންތަ؟. އެނގޭތަ އަހަރެން ދެރަވާވަރު. މައްޔު ތިހުރިހާކަމެއް ތިކުރަނީ ކީއްވެ؟. އަހަންނާ ދުރަށްދާނޭ ސަބަބެއް ބޭނުންވަނީތަ؟." އިވާން އިސްޖަހާލިއެވެ.

* * * * *

ސަރައްކާލިން މަސްފެންގަނޑާ ދިމާއަށް ފައިބަން ހަދާފައި ހުރި ސިޑީގެ އެންމެ މަތީ ހަރުފަތުގައި އައިރިކް އިށީނދެލައިގެން އިނެވެ. އޭނާގެ އަތުގެ ތެރޭ ފޯނު އަނބުރާލައަނބުރާލައެވެ. އިރުކޮޅެއް ކުރީން އޭނާ މާޔަލްގެ ފޯނަށް ދެ ފަހަރު ގުޅައިފިއެވެ. އެކަމަކު ރިންގުވެފައި ކެނޑެނީއެވެ. ރޭގަނޑު ދިހައެއް ޖަހައިފިކަން އޭނާއަށް އެނގެއެވެ. އެހާ އަވަހަށް މާޔަލް ނިދާފާނެކަމާމެދު ޝައްކުވެއެވެ. އެއަށްވުރެ ދަންކޮށްފައި އޭނާ ގުޅި ރޭގައި ވެސް މާޔަލް ފޯނުކޯލު ވަނީ ނަގާފައެވެ. އެކަމަކު ގިނަ ވާހަކަތަކެއް ނުދައްކައި ކޯލު ނިކަން އަވަހަށް ކަނޑާލައިފިއެވެ.

ފަޒާގައިވާ ފިނިކަމުގެ ތެރެއަށް އޭނާ ދޫކޮށްލި ނޭވާގައި ހޫނުކަން ވިއެވެ. ސަރައްކާލީގެ އެއްފަރާތުން ހުރި ލަކުޑި ރެއިލިންގައި އޭނާ އަރިއަކަށް ޖެހިލިއެވެ. މަޑުމަޑުން އައިރިކްގެ އެސްފިޔަތައް ތިރިވަމުން ގޮސް ދެ ލޯ މަރާލައިފިއެވެ. ވަގުތުން މާޒީގެ އިސްކުރީނުގައި ހަނދާނުގައި ރައްކާކޮށްފައިވާ ރޯލުތަކުން މަންޒަރުތައް ކުލަވާންފެށީ ފިލްމެއް ފަދައިންނެވެ.

އެއީ ކައިވެންޏެއްގެ ވަލީމާ ޙަފުލާއެވެ. ދެ ފަރާތަށް ހުޅުވާލެވިފައިވާ ދޮރުން މީހުން ވަދެ ނުކުމެވެއެވެ. އެ ދޮރުން އައިރިކް އެ ބޮޑު ހޯލުގެ ތެރެއަށް ވަންއިރު އޭނާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހިނިތުންވެ ހުރީ ޝަބްނަމްއެވެ. ހޯލުގެ ތެރެއަށް އައިރިކްއަށް ނަޒަރު ހިންގާލެވުނެވެ. ޙަފުލާއަށް ތަން ތައްޔާރުކުރުމުގައާއި އެ ޙަފުލާ ގުޅިފައިވާ އެންމެންގެ ފަރާތުން ފެންނަނީ ރަތްކުލައިގެ އެކި ޝޭޑުތައް ބޭނުންކޮށްފައި ވާތަނެވެ. ކުރިޔަށް ނުދެވެނީސް އައިރިކްގެ އަތަށް މަންމަ ދަމާލައިފިއެވެ. އޭނާގެ މޫނުގައިވީ ހަރުކަށިކަމަށް މަންމަ ފާޑުކިޔެވެ. މީހުންގެ ކުރިމަތީ ރުޅިވެރި މޫނެއް ނުދައްކާ ކުޑަކޮށް ވިޔަސް ހިނިތުންވެލަން މަންމަ އޭނާ ގާތު ބުންޏެވެ.

"ޚަދީޖާއާއި ޒުހޫރު އެ ތިބީ އެކޮޅުގައި. ރިކް. ދަރިފުޅު އެމީހުންނާ ސަލާމްކޮށްލަންވާނެ. އޭގެ ފަހުގައި އެންމެ ރަނގަޅު މަންމަ ފަހަތުން ނަޔަސް." އައިރިކްގެ އަތުން ދޫކޮށްނުލައި އަލަތު ދެމަފިރިން ތިބި އިސްޓޭޖާ ދިމާއަށް ހިނގަމުން ދިޔަ ޝަބްނަމް ބުންޏެވެ. އެހިސާބަށް މަންމަ ގޮވައިގެން އޭނާ އައިއިރު މީހުންގެ ކުރިމަތީ މަންމަގެ ޤަދަރު ވަކިންބޮޑަށް އޭނާ ހިފަހައްޓާނެ ނޫންހެއްޔެވެ.

އަލަތު ދެމަފިރިންނާ ބައްދަލުކޮށް ތަހުނިޔާ ކިޔާފައި މަންމަ އެދުނުހެން ޒުހޫރުގެ ދެމަފިރިންނާ ވެސް އައިރިކް ސަލާމްކުރިއެވެ. އެނބުރި ދާންވަންދެން ހޯލު ތެރޭގައި ޖަހާފައިވާ މޭޒުތަކުން މޭޒެއްގެ ދޮށުގައި މަޑުކޮށްލަން އައިރިކްއަށް ޝަބްނަމް ޚިޔާލުދިނެވެ. މަޑުމަޑުން އިސްޓޭޖުން ފައިބައިގެން އައިރިކް އައެވެ. ވަށައިގެން ނަޒަރު ހިންގަމުންނެވެ. މޭޒުތައް މީހުންނާއިގެން ފުރިފައިވާއިރު މާޙައުލުގައި އެހާ އަޑުގަދައެވެ. އެކަނިމާއެކަނި އެ ނުދަންނަ މީހުންތަކުގެ ތެރޭ އުޅޭން އައިރިކްއަށް އުނދަގޫވިއެވެ. ފުއްޕާހަމެއް ކުއްލިއަކަށް ގޮވީ އެވަގުތެވެ. މައްޗަށް ބަލާލެވުނު ހިނދު އޭނާގެ ލޮލުގައި އަޅައިގަތީ ރަތް ފިނިފެންމަލެކެވެ. (ނުނިމޭ)