ބަރަކް އޮބާމާ

ސީރީޒްއެއް ނެރޭޓްކޮށްގެން އޮބާމާއަށް އެމީ އެވޯޑެއް ލިބިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، "އަވަ ގްރޭޓް ނެޝަނަލް ޕާކްސް" ސީރީސް ނެރޭޓްކޮށްގެން "ބެސްޓް ނެރޭޓަ" ކެޓަގަރީން އެމީ އެވޯޑް ހާސިލްކޮށްފި އެވެ.

ފަސް ޕާޓްގެ މި ސީރީޒް އިން ގެނެސްދެނީ ދުނިޔޭގެ އެކި ގައުމުތަކުގެ ފާހަގަކޮށްލެވޭ ނެޝަނަލް ޕާކްތަކެވެ.

މި ސީރީޒް ޕްރޮޑިއުސް ކުރައްވާފައިވަނީ ބަރަކް އަދި މިޝޭލް އޮބާމާގެ ހަޔަ ގްރައުންޑް ކޮމްޕެނީންނެވެ.

އޮބާމާގެ އިތުރުން މި ކެޓެގަރީއަށް ކަރީމް އަބްދުލް ޖައްބާރު، ޑޭވިޑް އެޓެންބަރޯ އަދި ލުޕިޓާ ނިއަންގޯ ނޮމިނޭޓްވެފައިވެ އެވެ.

އޮބާމާއަކީ އެމީ އެވޯޑެއް ހާސިލްކުރި ދެވަނަ ރައީސް އެވެ. މީގެ ކުރިން އެމީ އެއް ލިބިފައިވަނީ ޑްވެއިޓް ބީ. އައިސެންހަވަ އަށެވެ.

އޮބާމާ ވަނީ މީގެ ކުރިން އޭނާގެ ދެ މެމޮއާސްގެ އޯޑިއޯބުކް ކިޔުމަށް ގްރެމީ އެވޯޑް ހާސިލްކޮށްފަ އެވެ.