އިސްލާމިކް މިނިސްޓްރީ

އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑްކޮށްފި

Sep 6, 2022
1

އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑް ކުރީ އައްޑޫ ސިޓީގެ މީދޫގައި ހުންނަ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުތުބާކީ މުދިމު -- މުހައްމަދު ރަޝީދު އެވެ.

އައްޑޫ ބަހުރުވައިން ހުތުބާ ކިޔާފައިވާ މުދިމަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކޮށްދެއްވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މުހައްމަދު ރަޝީދު މިދިޔަ ހުކުރު ދުވަހު ހުތުބާ ކިޔާފައިވަނީ އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެންނެވެ.

މުހައްމަދު ރަޝީދު ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ބުނީ އައްޑޫ ބަހުުރުވައިން ހުތުބާކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި ބިދޭސީން ކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ހުތުބާ ކިޔުން އެއީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑް ކުރި މައްސަލައިގައި ބައެއް އާންމުން ވަނީ ސޯޝަލްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އާންމުންގެ މައިގަނޑު ޝަކުވާ އަކީ އައްޑޫ މީހުން ބޭނުންކުރާ ބަހުރުވައަކީ ދިވެހި ބަސް ކަމަށްވާއިރު އެގޮތަށް ހުތުބާ ކިޔުމުން އިމާމަށް ފިޔަވަޅު އެޅުމެވެ.