އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް މިމަހު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ މި އަހަރުގެ ކޮންފަރެންސް މިމަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އައިސީއައިއޭ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 17 އަދި 18 ވަނަ ދުވަހު އައިޔޫއެމްގަ އެވެ.

މި ކޮންފަރެންސްގެ މަގުސަދަކީ އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމެވެ. މިއީ އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ބޭފުޅުންގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރުގެ ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެ އެވެ.

ކޮންފަރެންސްގައި ރިސާޗު ޕޭޕަރުތައް ހުށަހަޅާނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ. ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން އެވެ. މި ތީމްގެ ސަބް ތީމްތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އެވެ.

ދެވަނަ ތީމަކީ ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯ އެވެ. މި ތީމުގެ ސަބް ތީމްތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕް އެވެ.

މި ކޮންފަރެންސްގެ ތިންވަނަ ތީމަކީ ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ އެވެ. މީގެ ދަށުން ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެ އެވެ.

މީގެ އިތުރުން ހަތަރުވަނަ ތީމަކީ މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އެވެ. މި ތީމުގެ ދަށުން ހިމެނެނީ އިސްލާމިކް ފައިނޭންސް، ހިއުމަންސް ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓްގެ އިތުރުން މާކެޓިން އަދި ބްރޭންޑިން އެވެ.

މިއަހަރުގެ ކޮންފަރެންސްގައި މި ތީމުތަކުގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން އެކި ދާއިރާތަކުން ކަރުދާސްތައް ވެސް ހުށަހަޅާނެ އެވެ.

ބައިވެރިންގެ އަދަދާއި ހުށަހެޅޭ ޕޭޕަރުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސަށް ވާނެ ކަމަށް އައިޔޫއެމް އިން ބުނެ އެވެ.