އިސްލާމިކް މިނިސްޓްރީ

ސައުދީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިން ކަނޑައަޅައިފި

Sep 7, 2022

ސައުދި އަރަބިއްޔާގައި ބާއްވާ ބައިނަލްއަގްވަމީ ގުރުއާން މުބާރާތެއްގައި ބައިވެރިވާނެ ކުދިން ކަނޑައަޅައިފި އެވެ.

ސައުދި އަރަބިއްޔާގެ މައްކާގައި "ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން"ގެ ނަމުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ 10 އިން 21 އަށެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ދެ ކުދިންނަކީ އަހްމަދު ނަބީހް އަބްދުލް ގާދިރުއާއި މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އެވެ.

މިކުދިން އަންނަ ހުކުރު ދުވަހު ސައުދި އަރަބިއްޔާ އަށް ފުރުމަށް ހަމަޖެހިފައިވާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވަނީ މިކުދިންނާ ބައްދަލުކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ސައުދީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން ހަ ފަރާތެއްގެ އެޕްލިކޭޝަން ލިބުނު ކަމަށެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރިއަށްގެންދިޔަ އޮޑިޝަންއަކަށް ފަހު އެވެ.

މި އޮޑިޝަން ކުރިއަށް ގެންދިޔައީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.